ގދ. ތިނަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްގީކޮށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ހާއްސަ އެކަމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތް ކުރިޔަށްގެންދަން ނިންމާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ކެމްޕަސްގައި ތިން ބުރީގެ އިމާރާތެއް ހެދުމާއި ދަރިވަރުންނަށް ހާއްސަ ދެ ބުރީގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމާއި މުވައްޒަފުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކަމޮޑޫޝަން ބްލޮކެއް އިމާރާތް ކުރުން ކަމަށެވެ.

ދަރިވަރުންނަށް ހާއްސަ ބްލޮކުގައި 31 ކޮޓަރި އާއި ލޯންޑްރީއެއް ހުންނާނެ ކަމަށާއި މުވައްޒަފުންނަށް ހާއްސަ ބްލޮކުގައި ހަތް ކޮޓަރި އާއި ކެފޭއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ހިދުމަތް ދޭން ފެށުމުން، އެ ރަށުގެ ރައްޔިތުންނަށް ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަރަށް ގިނަ މަންފާތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.