ސްކޫލުތަކުގެ ދަރިވަރުންނަށް ހިލޭ، ހެނދުނުގެ ނާސްތާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކީ، ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްކޫލްތަކުގެ ދަރިވަރުންގެ ހެނދުނު ނާސްތާއާ ބެހޭގޮތުން މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ އެމްޑީޕީ ސަރުކާރުގެ ވައުދެއް ކަމަށެވެ.
"ނަތީޖާއަކަށްވީ ގާނޫނު އައިއިރު މި ލިޔަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭންވާނެޔޭ، މިހާރުވެސް ގާނޫނުގައި އޮތީ އެހެން، ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓް ލެއްވި ބޭފުޅުން ފަހުން ނިންމެވީ، ބޭނުންވާ ކުއްޖަކަށޭ "ނާސްތާ" ދޭނީ އެހެންވީމަ މިހާރު އަޅުގަނޑުމެން އެ ބޭފުޅުން ނިންމާފަ އޮތް ގޮތަށް، ބޭނުންވާ ކޮންމެ ކުއްޖަކަށް ނާސްތާ ދެމުން މިދަނީ ގާތްގަނޑަކަށް މިހާރުވެސް އަޅުގަނޑު ހިތުން 200 އަށްވުރެ ގިނަ ކުދިންނަށް ނާސްތާ އެބަ ފޯރުކޮށްދެވޭ،"
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މުޅި ރައްޖޭގައި 80،000 ދަރިވަރުން ތިބޭއިރު، އަންދާޒީކޮށް ހެނދުނުގެ ސެޝަންގައި ގާތްގަނޑަކަށް 60،000 ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާނެ ކަމަށެވެ. އެހެންކަމުން އޭރު 60،000 ދަރިވަރުންނަށް ދޭން ނިންމި ނާސްތާ ޕްރޮގްރާމް މިހާރު ދޭ ކުދިންގެ އަދަދު ހާހަކަށް ނާރާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އަޅުގަނޑަށް މި ގަބޫލު ކުރެވެނީ، އެއީ ބޭނުންވާ ކޮންމެ ކުއްޖަކަށް ދިނުމަށް ނިންމައިގެން މިހާރު ކުރިއަށްދާ އިރުގައި ވެސް ޔަގީނުންވެސް 1000 ކުދިންނެއް މި ޕްރޮގްރާމްގެ ތެރެއަކު ނެތް،"
މިނިސްޓަރު ވިދާޅުވީ، އެކަމުގައި އެމަނިކުފާނުގެ ހުރި ކަންބޮޑުވުމަކީ އެހާ ބޮޑު ނޭޝަނަލް ޕްރޮގްރާމެއް، ގާނޫނެއްގެ ތެރެއިން ދޭންވޭނެ ކަމަށް ބުނެފައި، ދެން ބޭނުންވާ ކުދިންނަށް ދޭން ނިންމުމުން ކަމަށެވެ.
އެހެންކަމުން ތައުލިމާ ބެހޭ ގާނޫނުގެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާ އިރު، އެކަންކަމަށް ރިއާޔަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންނަށް ހިލޭ ނާސްތާ ދޭ ޕްރޮގްރާމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި ޕްރޮގްރާމެކެވެ.
ނަަމަވެސް ދަރިވަރުންގެ ރައްކާތެރި ކަމަށްޓަކައި، ބޭރުން ގެންނަ ކާނާ ދަރިވަރުންނަށް ނުދިނުމަށްޓަކައި ކޮވިޑާ ގުޅިގެން އެ ޕްރޮގްރާމް މެދު ކަނޑާލުމަށްފަހު، 2021 ވަނަ އަހަރު އެ ޕްރޮގްރާމް ފެށީ، އެކަމަށް ބޭނުންވާ ދަރިވަރުނަށް ދޭ ގޮތަށެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް