ސްކޭމްތަކުން މިދިޔަމަހު 1.6 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ މި އަހަރުގެ އޭޕްރީލް މަހު ހުށަހެޅި ސްކޭމްގެ މައްސަލަތައް 43 ޕަސެންޓު ވަނީ މަދުވެފައިވާ ކަމަށެވެ.

މިދިޔަ މަހު ސްކޭމްތަކާ ގުޅޭ ޖުމްލަ 140 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ އީ- ކޮމާސްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ. އީ-ކޮމާސް ސްކޭމްގެ 63 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 29 މައްސަލައެއް ހުށަހެޅި ކަމަށާއި އެއީ ދެވަނައަށް އެންމެ ގިނަ ސްކޭމްތަކާ ގުޅޭ މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.

ވަގު އެކައުންޓު ހަދައިގެން ލޯބިވެރިޔާ ކަމަށް ހެދިގެން ރުފިޔާ ހޯދި ތިން މައްސަލައެއް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ގިނައިން ސްކޭމްތައް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް، ޓެލެގްރާމް، ވައިބާ އަދި އިންސްޓަގްރާމްގައި ކަމަށް ފުލުހުން ބުންޏެވެ

އެގޮތަށް ހިންގި ސްކޭމްތަކުން 1.6 މިލިއަން ރުފިޔާ ގެއްލިފައިވާ އިރު، ރިކަވާކުރެވިފައި ވަނީ 126،717 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ސްކޭމްގެ 246 މައްސަލައިގައި 2.2 މިލިއަން ރުފިޔާ ގެއްލުނެވެ. އެ މަސް ނިމުނު އިރު ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް ރިކަވާ ނުކުރެވެއެވެ.