ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ހަދާ 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އަކީ ހަމައެކަނި އިންފްރާސްޓްރަކްޗާއެއް ނޫން ކަމަށާއި އެއީ ދުނިޔެއަށް ކުރާ ވައުދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި ވަނީ އެ މަޝްރޫއު އިފްތާހުކޮށް، އެކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ހަފްލާގައި ރައީސް މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއައިއެފްސީ އާއެކު މާލިއްޔަތާއި ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ މުސްތަގުބަލު އަލުން ތަސައްވުރުކުރުމުގައި ރާއްޖެ އިސް ސަފުގައި ހަރަކާތްތެރިވާން ތައްޔާރަށް އޮތްކަން ދައްކުވައިދޭނެ ކަމަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ އިންފްރާސްޓްރަކްޗާއަށްވުރެ މާ ބޮޑުވާނެ. އެއީ ގައުމީ ވައުދެއް. އަޅުގަނޑުމެންގެ އިގުތިސާދު ތަފާތުކުރުމަށް ވައުދުވުމެއް. ފުރުސަތާއި، ކެތްތެރިކަމާއި، ފަހުރުވެރިކަމާއެކު އަޅުގަނޑުމެންގެ ރައްޔިތުންނަށް ވައުދުވުމެއް. އަދި ދުނިޔެއަށް ކުރާ ވައުދެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްއައިއެފްސީ ވެގެންދާނީ ދިވެހީންގެ ތަރިކައަކަށް ކަމަށާއި އެއީ ހަމައެކަނި ބިއްލޫރިއާއި ދަގަނޑުގެ ތަރިކައެއް ނޫން ކަމަށެވެ. އެއީ ފަސްނުޖެހި، ކެރިގެން ނިންމާ ނިންމުންތަކާއި ހިތްވަރުގަދަ ޕާޓްނަޝިޕްތަކާއި ގައުމީ މަގުސަދެއްގެ ތަރިކައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމުލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމުކުރަން ނިންމާފައިވަނީ 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އެ ސެންޓަރަށް ދުވާލަކު، 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަން
- 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް
- ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ހަރަކާތްތައް ބާއްވާނެ ތިން އޮފީސް ޓަވަރު
- މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
- މަތީ ފަންތީގެ ފިހާރަތައް
- މިސްކިތެއް
- އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
- އޯޝަނޮގްރަފިކް މިއުޒިއަމެއް
- ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
- ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާ އިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެއެވެ.
އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންއާއި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީގެ ބަޔާނުގައިވެއެވެ.
މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ މުޅި މާސްޓާ ޕްލޭން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.
އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު