ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްބުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަދު އިފްތިތާހުކުރާ މަޝްރޫއަކީ ދިވެހި އިގުތިސޯދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވެސް ހާއްސަ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމުލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމުކުރަން ނިންމާފައިވަނީ 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އެ ސެންޓަރަށް ދުވާލަކު، 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަން

  • 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް
  • ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ހަރަކާތްތައް ބާއްވާނެ ތިން އޮފީސް ޓަވަރު
  • މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  • މަތީ ފަންތީގެ ފިހާރަތައް
  • މިސްކިތެއް
  • އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
  • އޯޝަނޮގްރަފިކް މިއުޒިއަމެއް
  • ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  • ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް

މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާ އިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެއެވެ.

އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންއާއި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީގެ ބަޔާނުގައިވެއެވެ.

މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ މުޅި މާސްޓާ ޕްލޭން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.