ރާއްޖޭގެ ހޭންޑްބޯލް ބޮޑެތި މުބާރާތްތައް ބާއްވަމުންދާ މާލޭގެ ހޭންޑްބޯލް ކޯޓު ހިޔާކުރުމަށް ކުރަމުންދާ މަސައްކަތް، މިއަހަރު ނިންމާލެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ހޭންޑްބޯލް ކޯޓަކީ އައުޓްޑޯ ކޯޓަކަށްވާތީ، އެ ކޯޓުގައި ބާއްވާ އެކިއެކި ގައުމީ ފެންވަރުގެ މުބާރާތްތައް ވިއްސާރަވެ، ދިގުލައިގެން ދެއެވެ. އެކަމުގެ ޝަކުވާ ތަކުރާރުކޮށް، ކުޅުންތެރިންނާއި މެނޭޖުމަންޓްތަކުން އުފުލާފައިވާ އިރު، މިނިސްޓަރު ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރުވެސް ވިދާޅުވެފައެވެ.

މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ރޭ މިނިސްޓަރު ވިދާޅުވެފައިވަނީ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް ރާއްޖޭގައި ބާއްވާކަން އިއުލާނުކުރުމުގެ އިތުރުން 10 ވަނަ އޭޝިއަން ބީޗް ހޭންޑްބޯލް މުބާރާތަށް މިއަދު އޮމާނަށް ފުރި ޓީމާ ޖާޒީ ހަވާލުކުރުމަށް ބޭއްވި އިވެންޓްގައެވެ.

"ހޭންޑްބޯލް މުބާރާތްތަކުގެ މެޗުތައް، މުބާރާތުގެ ތެރެއިން މޫސުން ގޯސްވެގެން ފަސްކުރަން ޖެހި، މުބާރާތްތައް ދިގުލައިގެން ގޮސް، ރަށްތަކުން އަންނަ ޓީމުތަކަށް މާލޭގައި މަޑުކުރަން އުނދަގޫވެގެން އެކަމުގެ އުނދަގޫ ކުޅުންތެރިންނާއި މެނޭޖުމަންޓްތަކަށް ތަހައްމަލު ކުރަން ޖެހިފައިވޭ. އެކަން ހައްލުކުރާނެ ކަމަށް މިދިޔަ އަހަރުވެސް ދެންނެވިން. އެއީ އެކަމުގެ މުހިއްމުކަން ބޮޑުކަމުން. އެކަމަކަށް ހައްލު ގެނައުމަށް އެސޯސިއޭޝަނާއި މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއަކަށްވެފައި ވަނީ، މިހާރު އިރާދަކުރެއްވިއްޔާ އެކަން ހައްލުކުރުމަށް މަގުފަހިވެފައި،" ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެތަނަށް ބޭނުންވާ ނެޓް ގަތުމަށް އައިއެޗްއެފްއިން ޕޭމަންޓްގެ އެއްބައި ދައްކައި، މިނިސްޓްރީން ޕޭމަންޓްގެ އަނެއްބައި ދައްކާފައިވާނެ ކަމަށެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ މިއަހަރު ނިމޭއިރު މަސައްކަތް އެއްކޮށް ނިމި، ވާރޭ ނުވެހޭ ތަނެއްގައި ހޭންޑްބޯލް މުބާރާތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ.

ރޭގެ އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި، އެކަމުގެ ބިޑާ ކުރިމަތިލައި، އެ ބިޑް ކާމިޔާބުކުރެވުމަކީ ނުހަނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެ މުބާރާތް ބާއްވަން ނެގި ޗެލެންޖަކީ ވަރުގަދަ ޗެލެންޖެއް ނަމަވެސް، އެކަން ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ހޭންޑްބޯލް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތާއެކު، ފުރިހަމައަށް މުބާރާތް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރާފިއު ފާހަގަކުރެއްވިއެވެ.

"ކޮމަންވެލްތު ކަހަލަ ބޮޑު ޖަމިއްޔާއެއްގެ ގޭމްސްއެއް އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގައި ހޯސްޓް ކޮށްލަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑުމެން މިދަނީ ދާން ބޭނުންވާ މިސްރާބަށް. އެއް ގޭމްސްއަށްވުރެ ބޮޑުކޮށް އަނެއް ގޭމްސްއެއް ބާއްވަމުން ގޮސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ލަނޑުދަނޑި ހާސިލުކުރާނީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ރީޖަނަލް ގޭމްސްއެއް ރާއްޖޭގައި ހާސިލްކުރަން. މިއީ އެކަމަށްޓަކައި ހުޅުވޭ ދޮރެއް،" ރާފިއު ފާހަގަކުރެއްވިއެވެ.