ހޮލީވުޑްގެ މަޝްހޫރު ދެ ތަރި ސެންޑްރާ ބުލޮކް އަދި ކިއާނޫ ރީވްސް އަނެއްކާވެސް އެކުގައި މަސައްކަތް ކުރާނެ ފިލްމެއް އިއުލާންކޮށްފިއެވެ. މިއީ އެމެޒޮން އެމްޖީއެމް ސްޓޫޑިއޯސްގެ ރޮމޭންޓިކް ތްރިލާ ފިލްމެކެވެ.

އެންޓަޓެއިންމަންޓް ވީކްލީ އިން ބުނާގޮތުގައި ފިލްމުގެ ސްކްރިޕްޓް ލިޔަނީ ނޯއާ އޮޕެންހައިމް އެވެ. "ސްޕީޑް" ފިލްމުގެ ޕްރޮޑިއުސަރު، މާކް ގޯޑަން ވެސް މި ފިލްމުގައި މަސައްކަތްކުރާނެ އެވެ. މީގެ އިތުރުން، ސެންޑްރާ އަދި ކިއާނޫ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައިވެސް މަސައްކަތްކުރާނެ އެވެ.

ސެންޑްރާ އަދި ކިއާނޫ އެންމެ ފުރަތަމަ އެކުގައި މަސައްކަތްކުރީ 1994 ގެ "ސްޕީޑް" ފިލްމުގައެވެ. އެއީ ވަރަށް ބޮޑަށް މަގުބޫލުވި ފިލްމެކެވެ. އެ ފިލްމުން ދުނިޔޭގެ ބޮކްސް އޮފީހުން 350 މިލިއަން ޑޮލަރު ލިބުނެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި މަސައްކަތްކުރީ 2006 ގެ "ދަ ލޭކް ހައުސް" ގައެވެ.