ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ އުމުރުފުރާ ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ އުމުރުފުރާ ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނެވުމަށް ވިސްނަވާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑު ހަމަގައިމުވެސް ވިސްނާކަމެއް ނޫން. އަޅުގަނޑު ކުރަން ވެސް ބޭނުންކަމެއް ނޫން ތިއީ. އަޅުގަނޑު ތިކަހަލަ ކަމެއް ކުރަން މަޝްވަރާއެއް ވެސް ނުކުރަން މީހަކާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ވެސް ރައީސަށް ސުވާލުތަކެއް އަމާޒުވިއެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެވުނު އެ އިސްލާހުގެ ދަށުން ހަދަން ޖެހޭ ގާނޫނުން ހުރިހާ ހައްގުތަކެއް ހިމާޔަތްކުރަންޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އެ ގާނޫނެއް އަދި ނުހަދާ. އެހެންވީމާ އޭގެ ތެރެއިން އެކަން އެންޝުއާ ކުރެވެން ޖެހޭނެ. އަދި ޕާޓީތަކުގެ ނިޒާމުގެ ތެރޭގައި ވެސް އޮންނަންވާނެ އެއަށްވުރެ ހަރުދަނާގޮތެއް. ލީޑާޝިޕްގެ ތެރެއިން ނުވަތަ ވަކި ބަޔަކު އެއްވެލައިގެން އެމްޕީއަކު ކަނޑާލަން، އެހެންވެގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރަނީ ވަކި ނިޒާމެއްގެ ތެރެއިން، ވޯޓުލައިގެން ކަމަށާއި އެހެންކަމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތްވުމަކީ ވަރަށް އާދައިގެ ގޮތަކަށް އޮންނަ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.