ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވާނެ ފައިސާއެއް އެ މަނިކުފާނު އަތްޕުޅުގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުން ރައްޔިތުންގެ މަޖިލިސް މެންބަރުންތަކެއް ފައިސާ ދަބަސްތަކެއް ހިފައިގެން ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށްބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސަމާސާ ރާގެއްގައި ރައީސް ފުރަތަމަ ވިދާޅުވީ "ދިމްޔާތަކީ ކަން ދިމާކުރި ގޮތުން އަދިވެސް މާލޭގައި ހުރި އެންމެ ބޮޑު ގެސްޓްހައުސް، 55 ކޮޓަރި އެބަހުރި. އެގެއިން ކަޅެއް ނޫން، އެކި ކުލަކުލައިގެ ދަބަސް ނުކުންނާނެ،" ކަމަށެވެ.

"އަޅުގަނޑު އެމްޕީސް އިން ކައިރިން އަހަން ޖެހޭނީ މިއީ ކިހިނެއްވާ ކަމެއްތޯ. އަޅުގަނޑަށް ލިބޭ އެއް ލައްކަ ރުފިޔާ އިން ވެސް މިހާރު 50 ޕަސަންޓު އަޅުގަނޑު ދޫކޮށްލައިފިން. 47،000 ކޮންމެވެސް ވަރެއް ޕެންޝަނަށް ކެނޑީމަ ވެސް މި ލިބެނީ. އެހެންވީމާ އަޅުގަނޑު އަތަކު ނެތް އެމީހުންނަށް ދޭނެ ފައިސާއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 40 މިލިއަން ރުފިޔާ ނެގިކަމަށް ބުނެ ދެކެވޭ ވާހަކަ ވެސް ދޮގުކުރައްވައިފައެވެ.