ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ނުހިމެނޭ އަދާލަތު ޕާޓީއާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގުޅިވަޑައިގެންނެވުމުން، އެކަމާ މެދު ޖެހިވަޑައިގަންނަވާނީ މަޝްވަރާކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"ގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، އަލުން އެނބުރި އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ނިންމަވައި، މިނިސްޓަރު ޝަހީމް ވަނީ މިދިޔަ ހުކުރު ދުވަހު ޕާޓީއަށް ފޯމު ހުށަހަޅުއްވައިފައެވެ.
"މި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮތް ޕާޓީއެއް ނޫން އަދާލަތު ޕާޓީއަކީ. އެހެންވީމާ ތިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ޖެހޭނީ މަޝްވަރާކޮށްލަން،" ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ނިންމެވުމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ޝަހީމް އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން އެ ޕާޓީގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާ ހުރެ، ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވައި ހާލިސްކަމާއެކު ޝަހީމް، އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
އިމްރާނަށް ރައްދު ދެއްވައި އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތުގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރަން ނުޖެހޭނެ ކަމަށާއި އެ ޕާޓީގެ މެންބަރެއް މަގާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.
"އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އަޅުގަނޑު އިންތިހާބުކުރައްވައިފި ނަމަ، ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށްދާނަން އިންޝާﷲ،" މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރި އަދާލަތު ޕާޓީ މިހާރު އޮތީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރަން ނިންމައިފައެވެ.
މީގެ ކުރިން އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު، ޝަހީމް ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެފަހުން ޕީޕީއެމް އުވާލާފައިވާ އިރު އެ ޕާޓީއަކު ކޯލިޝަންގައި އޮތް މިހާރު ޕީއެންސީއާ ޝަހީމް ގުޅިވަޑައިގެންފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު