މ. މުލީ އެއާޕޯޓު މި މަހުގެ 15 ހިސާބުގައި ހުޅުވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، އޭޕްރީލް ނިމޭތަނުން ނުވަތަ މެއި މަހުގެ ކުރީކޮޅު މުލީ އެއާޕޯޓު ހުޅުވޭވަރު ވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނަމެއްގައި ގޮސް އެއާޕޯޓު ހުޅުވުމަށް އެ މަނިކުފާނު ބޭނުންފުޅުނުވާ ކަމަށާއި އޭޕްރީލް 30 އާ ހަމައަށް އެ މަނިކުފާނަށް ލިބިވަޑައިގެންފައި އޮތް އަޕްޑޭޓަކީ ވަޑައިގަންނަވަން އޮތީ އަސްލު ހުޅުވުމަކަށް ކަމަށެވެ. ނަމަވެސް އޭޕްރީލް 30 ގައި އަދި އިތުރު ވަގުތު އެބަ ބޭނުންވާ ކަމަށް މައުލޫމާތު ދިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އައިމް ޑިސަޕޮއިންޓަޑް ވިތު ދެޓް. އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑު ނުދާނަމޭ ހުޅުވާކަށް، އަސްލު ހުޅުވުމެކޭ ހުޅުވަން ޖެހޭނީ، އަޅުގަނޑު ބޭނުންވަނީ ހަގީގަތުގައި ވެސް މުލީ އެއާޕޯޓު އޮޕަރޭޝަންވާ ގޮތަށޭ ހުޅުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ކަމެއް ނިންމުމަށް ދެ ހަފުތާއެއްހާ ދުވަސް ބޭނުންވާ ކަމަށް މައުލޫމާތުދީފައިވާ ކަމަށާއި އެއީ އެއާޕޯޓުގެ ސްޓެންޑަޑަށް ހުރިހާ ކަމެއް ފުރިހަމަކޮށްލުމަށް ކަމަށެވެ.

"އަނެއްހެން ސިވިލް ހުރިހާ ވޯކެއް ނިމިފައި އޮތީ. އެކަމަކު ބައެއް ކުދިކުދި ކަންކަން ކޮށްލަން އެބަހުއްޓޭ. އެހެންވީމާ އަޅުގަނޑު ފަހުވަގުތު ކެންސަލްކުރީ އަސްލުގައި. އެހެންވީމާ އަޅުގަނޑު އުންމީދުކުރަން މެއި މަހުގެ 15 އާ ހަމައަށް ދާން ވާއިރަށް ހުޅުވޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފްލައިޓު ވެސް ވަނީ ޖައްސައިފައެވެ. މުލީ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެއެވެ.