ކ. ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓު ނިންމައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދާ ގޮތް ބައްލަވައިލެއްވުމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ އެމްޑީ، ރިޓަޔަޑް ޑީސީޕީ އަހުމަދު ސައުދީ އާއި އެމްޓީސީސީގެ އިސްވެރިނާއި ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވެސް އިއްޔެގެ ވަގުތެއްގައި އެރަށަށް ޒިޔާރަތް ކުރެއްވި ކަމަށް އެމްޓީސީސީން ބުންޏެވެ.

"މި މަޝްރޫއުގެ އަމަލީ މަސައްކަތް، ކަނޑައެޅިފައިވާ ތާވަލަށްވުރެ ކުރީގަ މި ހުރީ. ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ފެށުނުތާ އެންމެ 28 ދުވަހުގެ ތެރޭގައި ނިމިގެން މިދަނީ." އެމްޓީސީސީން ބުންޏެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

2 މެއި 2025: ކ. ގުޅި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް --- ފޮޓޯ/އެމްޓީސީސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރު ޖެނުއަރީ މަހު ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިދިޔަ އަހަރު އެ މަސައްކަތް ކުރިއަށްގެންދިއުމުގައި ގޮންޖެހުން މެދުވެރިވީ ކުރީ ސަރުކާރުން، މިދިޔަ އަހަރުގެ ބަޖެޓު ކަނޑައެޅިއިރު އެކަމަށް ބޭނުންވާ ފައިސާ ބޭނުންވާ މިންވަރަށް ހިމަނާފައި ނެތުމުން ކަމަށާއި ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.