ރައީސް އޮފީސް ކުރިމަތީ ނޫސްވެރީންނަށް މީޑިއާ ފެންޑާއެއް ހަދަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައީސް އޮފީސް ކުރިމަތީގައި ހުންނަ އެތަނުގައި ނޫސްވެރިންނަށް ސްޓޭޝަންވެގެން 24 ގަޑިއިރު ތިބެވޭނެ ކަމަށާއި އެއީ ނޫސްވެރިންނަށް ދާއިމީ ތަނަކަށް ވެގެންދާނެ ކަމަށެވެ.
"އެތަނަށް ކިޔަން ނިންމާފައި އޮތީ މީޑިއާ ފެންޑާ. ރައީސް އޮފީހުން އިއުލާންކުރާނެ އުސޫލެއް ވެސް. އެ އުސޫލުގެ ތެރެއިން އެގްރިމަންޓް ހަދައިގެން، ފާސް އަޅައިގެން އެތާނގައި ތިބޭފުޅުން 24 ގަޑިއިރު ވެސް ތިބެވޭނެ، ރައީސް އޮފީސް ކުރިމަތީގައި ސްޓޭޝަން ވެގެން. އޭރުން ރައީސް އޮފީހަށް ވަންނަ މީހުންނާއި ނުވަންނަ މީހުންނާއި ނުކުންނަ މީހުންނާއި ފެންނާނެ. ސުވާލު ވެސް ކުރަން ބޭނުމިއްޔާ ސުވާލު ވެސް ކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީޑިއާތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިންމާލިހާ އަވަހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަބްސިޑައިޒް އަގުތަކެއްގައި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
"އެގޮތުން މިހާރު އަޅުގަނޑުމެން އެމްއެންޔޫއާ އެކީގައި އެމްއޯޔޫއަކާ ހިސާބަށް ދިއުމާ ހަމައަށް ގޮސްފައި މިވަނީ. މިހާރު އެމްއެންޔޫ އިން ހިންގާ ކޯސްތައް، އެއީ ޑިޕްލޮމާ، ޑިގްރީ، މާސްޓާސް. މިހާރު ނޫސްވެރިކަމުގެ ދާއިރާއަށް އެމްއެންޔޫ އިން ހިންގާ ކޯސްތަކަށް ނަގާ ފީ 50 ޕަސަންޓު އޮފް ކޮށްލާފައި އެ ދާއިރާއަށް ކުދިންނަށް ފުރުސަތުދޭގޮތަށް. ސަރުކާރުން އެ ބައި ބެއާ ކުރާގޮތަށް، ސަބްސިޑައިޒް ކޮށްފަ. ދެން އެ ބައި އެބޭފުޅުން އިއުލާންކުރާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތުގެ ދަށުން މިހާރު އޮތީ ބަޔަކާއެކު ފައިނަލް އެގްރިމަންޓަކާ ހިސާބަށް ދިއުން ކަމަށާއި އެ އެގްރިމަންޓަށްދާތާ ހަތަރު މަސް ތެރޭގައި ސަރުކާރަށް ދޭންވާ ބައި ނިންމާފައި ދޭން ޖެހޭނެ ކަމަށެވެ.
"ސަރުކާރަށް ނިންމާ ބައި ދޭ އިރުގައި، މީޑިއާތަކަށް ވަރަށް ނޮމިނަލް ރޭޓެއްގައި ކުއްޔަށް ދޭން ނިންމާ ބައި ވެސް އެބަ ހިމެނޭ. ޑިލޭތަކެއް އަޔަސް، މިއަހަރު ލިބެން ޖެހޭނެތާ، އެ އެގްރިމަންޓް އޮތް ގޮތަށް ބަލައިފިއްޔާ. އެހެންވީމާ އެ ސްޕޭސް ލިބުނީމާ، މީޑިއާތަކަށް ވަރަށް ބޮޑު ލުއި ލިބޭ ބޮޑެތި ކުލީގައި ތަންތާނގައި ނުތިބެ ސަރުކާރުން ދޭ ތަނަށް ބަދަލުވެ، އެ ތަނުގައި ހިތްހަމަޖެހިލައިގެން ތިބެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު