ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކަށް މަހެއްގެ މައްޗަށް ހަރަދުވަނީ 32 މިލިއަން ރުފިޔާ ކަމަށާއި އެއީ މުސާރަދިނުމަށް ހަރަދުކުރާ ޖުމުލަ އަދަދުގެ ތިން ޕަސަންޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މުޅި ދައުލަތުގައި މަސައްކަތްކުރާ 49000 މީހުންނަށް މުސާރަދިނުމަށް މަހަކަށް ހަރަދުވަނީ 997 މިލިއަން ރުފިޔާ ކަމަށެވެ.
"މަހަކު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ މުސާރަދޭން ހަރަދުވަނީ. އޭގެ ތެރެއިން ސަރުކާރުން އައްޔަންކުރި މީހުންނަށް ހަރަދުވަނީ 32 މިލިއަން ރުފިޔާ. އެއް ބިލިއަންގެ ތެރެއިން 32 މިލިއަން ރުފިޔާއަކީ ގާތްގަނޑަކަށް ތިން ޕަސަންޓު. ފިނޭންސް މިނިސްޓްރީން މުސާރަދިނުމަށް ހަރަދުކުރާ މީހުން ތިން ޕަސަންޓު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ 2129 ވައުދެއް ފުއްދުމަށްޓަކައި، 2100 ވަރަކަށް މަޝްރޫއު ހިންގަން މި ނިޒާމުގެ ތެރޭގައި ކަންކަން ބަލަހައްޓައިދީ، ހިންގައިދޭނެ މީހުންތަކެއް އައްޔަންކުރަން ޖެހޭ ކަމަށާއި އައްޔަންކުރައްވަނީ ޓީމް ލީޑުކޮށްދީ ކަންކަން ބަލާނެ މީހުން ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެޕްރައިސަލް ހަދަން ވެސް މިހާރު ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ނަތީޖާ ނެރުމަށްޓަކައި ވޯކް ފޯސްއެއް މި ގެންނަނީ ނަތީޖާ ނެރުމަށް އެހީތެރިކަން ދިނުމަށްޓަކައި، ލީޑުކޮށްދިނުމަށްޓަކައި. މިހާރު އަޅުގަނޑުމެން ވާނީ އުސޫލެއް ވެސް ކަނޑައަޅާފައި، އެޕްރައިސަލް އުސޫލެއް ވެސް ޕޮލިޓިކަލް މަގާމުތަކުގައި ތިބި މީހުންނަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެޕްރައިސަލް، ތިންމަހުން ތިންމަހުން ބަލައި، ފަރުވާ ކުޑަކުރާ މީހުން ވަކިކޮށް ނުވަތަ ފިޔަވަޅު އެޅޭނެ ރަސްމީ އުސޫލެއް މިހާރު އޮންނާނެ ކަމަށާއި މިއީ ރާއްޖޭގައި އަލަށް ތައާރަފުކުރި އުސޫލެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު