ޓޫރިޒަމް ނެތް އަތޮޅުތަކަށް އިންވެސްޓުކުރުމަށް މި މަހު ހުޅުވާލާނެ ކަމަށާއި އިންވެސްޓަރުންނަށް ލުއިތައް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިވާނެ ފަދަ ލުއިތައް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިމަހުގެ ތެރޭގައި އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ.

"ފަސް އަތޮޅަށް އެކަނި ސަންސެޓް ކްލޯޒެއް ލާފައި ހުޅުވާލުމަށް. އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ. މި އާއެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ލުއިތައް ދޭނީ ވަކި މުއްދަތަކައް ކަމަށާއި އެ މުއްދަތު ހަމަވުމުން އާންމު އުސޫލުން ހުރިހާ ފީތަކާއި ޓެކްސްތަކެއް ދައުލަތަށް ނަގަމުންދާނެ ކަމަށެވެ.