ނޫސްވެރިން ސައްހަ އަދި ތެދު މައުލޫމާތު ފެތުރުމަށްކުރާ މަސައްކަތަށް ތައުރީފުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ވޯލްޑް ޕްރެެސް ފްރީޑަމް ޑޭ ނުވަތަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒިންމާދާރު މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ޑިމޮކްރަޓިކް މުޖުތަމައެއްގެ ކުރިއެރުމަށް މުހިންމު ބައެއްގެ އިތުރުން ނޫސްވެރިންނަކީ އިންސާނީ ކަރާމާތާއި އިންސާފު ކުރިއެރުވުމަށް ވެސް މުހިންމު ދައުރެއް އަދާކުރާބައެއް ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިން ސައްހަ، ތެދު އަދި އިތުބާރު ހުރި މައޫލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ތައުރީފުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހިތްވަރުގަދަ އާ ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" ކަމަށެވެ.

ރައީސް ވިދާޅުވީ އެ ޝިއާރުން އާޓިފިޝަލް އިންޓެލިޖެންސުން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެެވިއްޖެނަމަ، އެ ވެގެންދާނީ މައުލޫމާތު ތަހުލީލު ކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް އަޑުއުފުލުމަށް ބޭނުން ކުރެވިދާނެ ޓެކްނޮލޮޖީއެއް ކަމަށެވެ.

ރައީސް ވަނީ މީޑިއާ ލިޓްރަސީ އިތުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހުލާގާ ގުޅޭނެ ގޮތަކަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ހިތްވަރު ދެއްވައިފައެވެ.

ރައީސް ވަނީ މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށް ގެންދިއުމަށް ރާއްޖެއިން ކެނޑިނޭޅި އަޑުއުފުލަމުންދާކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނުގެ ފުރުސަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.