ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރި އެއްވުންތައް ބޭއްވޭނެ ސަރަހައްދުތައް އިތުރުކޮށްފިއެވެ.

މީގެ ކުރިން 31 އޮގަސްޓް 2016 ވަނަ އަހަރުގެ އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައި އެކަންޏެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި އެ ގާނޫނުގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި އިތުރު ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯނު އަދި އުސްފަސްގަނޑު ސަރަހައްދުގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރި އެއްވުންތައް މީގެފަހުން ކުރިއަށް ގެންދެވޭނެ ކަމަށް ހޯމްލޭންޑުން ބުންޏެވެ.

ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރި އެއްވުންތައް ބޭއްވޭނެ ސަރަހައްދުތައް ހޯމްލޭންޑް މިނިސްޓްރީން އިތުރުކޮށްފައިމިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި މަޖީދީ މަގުގައި ހުންނަ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖު ރޭ ފުލުހުން ރޫޅާލާފައިވަނިކޮށެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިހުތިޖާޖު ރޫޅާލާފައިވަނީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

"މި އިހުތިޖާޖުގައި، މަޖީދީ މަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާނެ އެވެ" ފުލުހުން ބުނެފައިވެއެވެ.

"މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވުމާ އެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހު، މިރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި އެއްވުން ރުޅާލާފައި. މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު،"

ރޭގެ އިހުތިޖާޖު ރޫޅާލުމުގެ ގޮތުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރި އިރު އިހުތިޖާޖުގެ ދެބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަގީޗާގެ / ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހުމަދު (19އ) އެވެ. އޭގެ ތެރެއިން މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދީގެން ކަމަށާއި ޝިމަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންކަމަށް ފުލުހުން ބުނެފައިވެއެވެ.