އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިއަށްދާ ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކުގެ އިސްތިޝާރީ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ ބަޔާންދީފިއެވެ.

މި މައްސަލައަކީ، އދ.އާއި، އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ، ޔޫއެންއާރްޑަބްލިޔުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ، އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އައިސީޖޭގައި މި މައްސަލަ ކުރިއަށްގެންދަނީ ގައުމުތަކަށާއި ޖަމިއްޔާތަކަށްވެސް ބަޔާން ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ހުޅުވާލައިގެންނެވެ.

އެ މައްސަލައިގައި އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވައި ބަޔާން ދެއްވީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. ރާއްޖޭގެ ފަރާތުން ދިން ބަޔާނުގައި އުޝާމް ވިދާޅުވީ ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރަމުންދާ ގައުމެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ބިންތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބަޔާނުގައި އުޝާމް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ޔޫއެންއާރްޑަބްލިޔުއޭ ރޫޅާލުމަށްޓަކައި އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ އިތުރުން ބައިނަލްއަގުވާމީ ވަކީލުންޓުގެ ޓީމަކުންވެސް ވަނީ މި މައްސަލައިގައި ރާއްޖެ ތަމްސީލުކޮށް ބަޔާން ހުށަހަޅައިފައެވެ. އެ ބަޔާނުގައި ވަނީ އިޒްރޭލާއި ޔޫއެންއާރްޑަބްލިޔުއޭއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސްއިން އިސްރާއީލު ނިކުތުމުގެ ގާނޫނީ ނަތީޖާތަކަށް އަލިއަޅުވާލައިފައެވެ.

އިޒްރޭލަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކުން ރެކުމަށްޓަކައި ގައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ޔޫއެންއާރްޑަބްލިޔުއޭ އެއްބަސްވުމުން ނުކުތީ ބައިނަލްއަގުވާމީ ގާނޫނާހިލާފަށްކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކެއް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.