ރާއްޖޭގައި މަސައްކަތްކުރާ ގިނަ ބިދޭސީންގެ އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
އެގޮތުން ގަވައިދާ ހިލާފަށް އުޅެމުން މަސައްކަތް ކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ވަނީ ނިގުޅައިގަނެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން" ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، އެ މަސައްކަތުގެ ދަށުން މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދުގެ ތެރެޔަށް ވައްދައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށްލައިފައެވެ.
އަލީ ޔާމިން
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ