ކަޝްމީރުގައި އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅީގައި އޮންނަ އަވަށެއްގައި ހުސްވި ހަފުތާގައި ހަގުރާމަވެރިންކަމަށް ޝައްކުކުރެވޭ ބަޔަކު ދިން ހަމަލަޔަކާއި ގުޅިގެން އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ވަރަށް ވަރުގަދަ ޒުވާބުތަކެއް މިހާރުދަނީ ހިގަމުންނެވެ. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމާއެކު ވަރުގަދަ އިންޒާރުތަކެއްވެސް ދަނީ ދެމުންނެވެ. ދެ ގައުމުގެ ގުޅުން އިންތިހާއަށް ގޯސްވެ މަސްރަހު ހޫނުވަމުންދާއިރު ހަގުރާމައެއް ފެށުމުގެ ނުރައްކާތެރިކަންވެސް ދަނީ އިތުރުވަމުންނެވެ. ކަޝްމީރުގައި ދެގައުމުގެ އިންވަކިކުރާ ރޮގު ހުރަސްކޮށް ކޮންމެ ދުވަހަކުހެން ލުއި ހަތިޔާރުން މިހާރު ހަމަލާތަކެއް ބަދަލުކުރެވެމުންދެއެވެ. ހުސްވި ހަފުތާއިން ފެށިގެންނެވެ. އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގެ ތެރެއިން މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އައިއެންއެސް ވިކްރަންތު ޕާކިސްތާނުގެ އައްސޭރިޔާ ގާތަށް ފޮނުވައިގެން ޕާކިސްތާނުގެ ކަރާޗީއާއި ގުވަދާރު ބަނދަރު ބަންދުކުރުމުގެ އޮޕަރޭޝަނެއް ހިންގަންވެސް ވަނީ އުޅެފައެވެ.
ޕާކިސްތާނުގެ ހަތަރުފަސް މަނަވަރެއްގެ މައްޗަށް އެކުލެވޭ ފްލީޓެއް އެރޭބިއަން ސީއަށް ނުކުމެ އިންޑިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރަށް ފާރަލާން ފެށުމުން އެ މަނަވަރު ވަނީ ލަސްނުކޮށް އެނބުރި ކަރުނާޓަކާ ސްޓޭޓްގެ ކަރުވާރުގައި ބަނދަރުކޮށްފައެވެ. ފެންނަ ފެނުމުގައި ނޭވަލް ބްލޮކޭޑަކަށް އިންޑިޔާ ދަނީ ވިސްނަމުންނެވެ. އަސްކަރީ އޮޕަރޭޝަނަކަށް ދަނީ ތައްޔާރުވަމުންނެވެ. ކޮންމެއަކަސް މަސްރަހު މިހާރު ހޫނުވެފައިއޮތް ހިސާބަށް ވިސްނާއިރު ކޮންމެ ވަގުތަކުވެސް ހަގުރާމައިގެ ހުޅުގަނޑު ފަޅައިގެން ހިގައިދާނެ ކަމަށް ބެލެވެއެވެ. ކަންތައް އޮތީ އެހައިވެސް ބޮޑަށް ނުރައްކާވެފައެވެ. ހޫނުވެފަައެވެ. މަސްރަހު ހޫނުވުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދެގައުމުގެ ތެރެއިން ދެމިގެންދާ ކޯރުތަކުގެ ފެން ހިއްސާކުރުމާބެހޭ ގޮތުން މީގެ 65 އަހަރު ކުރިން ގާއިމުކުރެވިފައިވާ އެއްބަސްވުން ސަސްޕެންޑުކޮށް ޕާކިސްތާނުގެ 240 މިލިއަން ރައްޔިތުން ފެނަށް ޖެއްސުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ނިންމި ނިންމުމެވެ.
މީގެ ރައްދުގައި ޕާކިސްތާނުން ބުނެފައިވެއެވެ. އިންޑަސް ވޯޓާރސް ޓްރީޓީ، އައިޑަބްލިޔުޓީގެ ދަށުން ބެލެހެއްޓޭ އެއްވެސް ކޯރެއްގެ ފެން ހިފެހެއްޓުމަށް ނުވަތަ ކޯރެއްގެ މިސްރާބު ބަދަލުކުރުމުގެ އެއްވެސް އަމަލެއް އިންޑިޔާއިން ހިންގައިފިނަމަ އެއީ ހަގުރާމަ އިއުލާން ކުރުމެކެވެ. ހަގުރާމައިގެ އަމަލެކެވެ. ޖަރީމާއެކެވެ. އެފަދަ ޖަރީމާއަކަށް ރައްދު ދިނުމުގައި ޕާކިސްތާނަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެއެވެ. ނިއުކުލިއަރ ހަތިޔާރުވެސް ހިމެނޭގޮތުންނެވެ. ޕާކިސްތާނުގައި މަދުވެގެން 170 ނިއުކުލިއަރ ވޯރހެޑް ހުރިކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އިންޑިޔާގައިވެސް މަދުވެގެން 180 ނިއުކުލިއަރ ވޯރހެޑް އެބަހުއްޓެވެ. ދެ ގައުމުގައިވެސް އެއްބަޔަކު އަނެއްބަޔަކު ވުޖޫދުން ފޮހެލެވޭ މިންވަރަށް ނިއުކުލިއަރ ވޯރހެޑް ހުރިއިރު މި ދެގައުމަކީވެސް ނިއުކުލިއަރ ހަތިޔާރު މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިނުކުރާ ގައުމުތަކެކެވެ. އެހެންވީމާ ނިއުކުލިއަރ ހަގުރާމައެއްގެ ބިރު ނުހަނު ބޮޑެވެ.
ދެ ގައުމުގައިހުރި ނިއުކުލިއަރ ވޯރހެޑުތަކުގެ ވަރުގަދަކަމާއި ބާރު ދާދި އެއްވަރުކަމަށް ބުނެވެއެވެ. ވިހި ކިލޯޓަނުން ފެށިގެން ސަތޭކަ ކިލޯޓަނާ ދެމެދުގެ ބާރުގަދަ ވޯރހެޑުތަކެވެ. އެންމެ ދެރަވަރު ވޯރހެޑުވެސް ފަނަރަ ކިލޯޓަނަށްވުރެ ވަރުގަދަ ކަމަށް ބުނެވެއެވެ. އެއީ ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ހިރޮޝީމާއަށް އެމެރިކާ ސިފައިން ވައްޓާލި ނިއުކުލިއަރ ބޮމުގެ ބާރެވެ. ކޮންމެއަކަސް މިދެންނެވި ހަތިޔާރުން އެއްބަޔަކު އަނެއް ބަޔަކު ފަނާކުރުމުގެ ހަގުރާމައެއް ފަށަން ޖެހޭ ސިއްރަކީ ކޮބައިހެއްޔެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އެ ސިއްރަކީ ފެނެވެ. ޕާކިސްތާނު ބަރޯސާވަނީ އިންޑިޔާގެ ތެރެއިން ދެމިގެން އަންނަ ބޮޑު ތިންކޯރަކަށެވެ. ޚާއްސަކޮށް އިންޑަސް ކޯރަށެވެ. ޕާކިސްތާނުގެ ފުރާނަޔަކީ އެއީއެވެ. ފެން ހިއްސާކުރުމުގެ މުއާހަދާއަކީ ވޯލްޑް ބޭންކުގެ އިސްނެގުމާއި މެދުވެރިކަމުގެ ދަށުން 1960 ވަނަ އަހަރު ގާއިމުކުރެވުނު އެއްބަސްވުމެކެވެ. އޭގެފަހުންވެސް މި ދެގައުމުވަނީ ބޮޑު ދެ ހަގުރާމައެއް 1965 ގައި އަދި 1971 ގައި ކޮށްފައެވެ.
ދާދިފަހުންވެސް ކަރްގިލްގެ ކަންތަކުގައި އައު ހަގުރާމައެއް މި ދެގައުމުގެ މެދުގައި ނުފެށި ދިޔައީ ހަމަކިރިޔާއެވެ. އެކަމަކު ފެނުގެ އެއްބަސްވުން ސަސްޕެންޑެއް ނުކުރެއެވެ. ކުރެވެންވެސް ނެތީއެވެ. މި އެއްބަސްވުމަކީ އެއްވެސް ބަޔަކަށް އަމިއްލަ އަމިއްލަޔަށް އުވައިލެވެންއޮތް އެއްބަސްވުމެއް ނޫނެވެ. އެކަންކުރެވެންއޮތީ ދެގައުމު ބޭނުންވެގެންނެވެ. އެއްބައެއްގެ ރުހުމާ ޚިލާފަށް އަނެއް ބަޔަކު މި އެއްބަސްވުމާ ކުޅުމަކީ އަނެއްބައެއްގެ ދެމިތިބުމާ ގުޅިފައިވާ ނުރައްކާތެެރި ކަމެކެވެ. އެކަން އެހެންއޮތުމާއެކު ކުއްލިއަކަށް ނަރެންދުރަ މޯދީގެ ސަރުކާރުން މިއެއްބަސްވުން ކުއްލިއަކަށް ސަސްޕެންޑުކުރީ ކީއްވެގެން ބާވައެވެ. ބޭނުމަކީ ފެނެވެ. އިންޑިޔާގެ ތެރެއިން ޕާކިސްތާނުގެ ތެރެއަށް ދެމިގެންދާ ކޯރުތަކުގައި ޑޭމްހަދައި ފެންހިފަހައްޓައި، ކެނަލްތައް ކޮނެ އިންޑިޔާގެ ރާޖަސްތާނާއި ގުޖަރާތާއި ޕަންޖާބުގެ އެކި ހިސާބުތަކަށް ފެންފޮނުވައި ޕާކިސްތާނު ފެނަށް ޖައްސައި އެގައުމުގެ އިގްތިސާދު އިނދަޖައްސައިލުމަށް އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީ މިހާރު އެބަބޭނުންވެއެވެ.
ވިއްސާރަ މޫސުމުގައި ކޯރުތައް ފުރި ބަންޑުންވާ ހިސާބަށް ދިޔުމުން މައުލޫމާތު ހިއްސާކުރުމަކާ ނުލައި ޕާކިސްތާނާ ދިމާލަށް ފެންގަޑު އަނބުރާލައި ޕާކިސްތާނުގައި ފެންބޮޑުކޮށް ވީރާނާކޮށްލަންވެސް ބީޖޭޕީގެ ބައެއް ލީޑަރުން ބޭނުންވެއެވެ. މި ޚިޔާލު ފާޅުކުރާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވީމާ އެކަމަށް މިހާރު މަގުފަހިކުރަނީކަމަށް ވެދާނެއެވެ. ކޮންމެއަކަސް މިއީ ވަގުތުން ވަގުތަށް ކުރެވެންއޮތް ކަމެއް ނޫނެވެ. ވަރުގަދަ ޑޭމްތަކެއް ހަދަން އެބަޖެހެއެވެ. ކެނަލްތަކެއް ކޮނެ ގާއިމުކުރަން ޖެހެއެވެ. އެކަމަށް އަހަރުތަކެއް ނަގާނެއެވެ. މިކަމާމެދު ޕާކިސްތާނު ބުނަނީ ކީކޭބާވައެވެ. ޕާކިސްތާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލުން ބުންޏެވެ. އެފަދަ ހުރަސްތަކެއް ގާއިމުކުރަން ލާހިކެއް ނޫނެވެ. ހަމަލަދީ ސުންނާފަތި ކުރާނަމެވެ. ހަމަލަދޭންޖެހެނީ ނިއުކުލިއަރ މިސައިލުން ކަމަށްވަންޏާ އެކަމަށްވެސް ފަސްޖެހުމެއް ނެތެވެ. މިއީ މަރާއި ދިރިތިބުމާ ގުޅިފައިވާ މައްސަލައެކެވެ.
އިމާދު ލަތީފު
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
އިމާދު ލިޔެފަހުންނަ ރިޕޯޓްތައް ވަރައް ކިޔާހިއްވޭ.ގިނައިން ބޭރުދުނިޔޭގެ ރިޕޯޓް ފޮނުވުންން އެދެން!
ޝިހާން - 1 އަހަރު ކުރިން
އެއްދުވަހު ބުނާނެ ހަނގުރާމަވެރިންނޭ. އަނެއްދުވަހު ހަނގުރާމަވެރިން ކަމަށް ބެލެވޭ ބައެކޭ. ދިމާނުވޭ. ރިޕޯޓް މި އޮންނަނީ މޮޅު ބަސްބަހުން ދިގުކޮށްލާފައި. މާގިނަ މައުލޫމާތެއް ހިއްސާނުކުރޭ. މިއީ އިންޠަބިއުއަކުން ފަހެއްނޫނީ ހަ ހަބަރު ހެދުން ކަހަލަ ކަމެއް. ވަންގެ ރިޕޯޓްތައް މިހާރު ކަޑަ.
މުހައްމަދު އލަތީފް - 1 އަހަރު ކުރިން