ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުގައި ހިމެނޭ ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދާނަމަ ހައުސިން މިނިސްޓްރީގެ ދަށަށް ގެނެސްގެންވެސް އެ މަސައްކަތް ކުރިއަށްގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިްސްޓަރު މިިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން 9000 އަށްވުރެ ގިނަ ގޯތި ދިނުމަށް ކުރީ ސަރުކާރުން ނިންމާފައިވާ އިރު، އެ ގޯތިތައް ވުޖޫދުގައިވޭތޯ އާއި އެ ގޯތިތައް ދިނުމަށް ބޭނުންވާ ބިން ހިއްކިއްޖެތޯ އާއި އެ ބިންތައް ހިއްކަން ބޭނުންވާ ފައިސާ އެބަހުރިތޯ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ވަގުތުން ގޯތި ހަވާލު ކުރެވޭގޮތަށް އޭރު ބިން ހިއްކާފައި އޮތީ، ހަމައެކަނި ހުޅުމާލެ ފޭސް ދޭކުން ކަމަށެވެ.

ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅިފަޅުގެ މަސައްކަތާއި ގިރާވަރު ފަޅު ހިއްކުމުގެ މަަސައްކަތް ފެށިގެން އޭރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ގުޅިފަޅު ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ނިންމާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސީދާ މިނިސްޓްރީން ހަދާފައި އޮތް ކޮންޓްރެކްޓެއް ނޫން އެއީ. ސަރުކާރު ކުންފުންޏަކާއި، އަމިއްލަ ފަރާތަކާ ސޮއިކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް އެއީ. އެމްްއެފްއެމްސީ ކިޔާ ކުންފުންޏަކާ، އެހެންކަމުން ސީދާ މިނިސްޓްރީން ބަލަހައްޓާ ކޮންޓްރެކްޓެއް ނޫން އެއީ. މިނިސްޓްރީން މަސައްކަތް މި ކުރަނީ އެ ކޮންޓްރެކްޓްގެ ކަންތައްތައް ހައްލުކޮށްގެން ފެށޭތޯ، ނޫނީ ޓާމިނޭޓް ކޮށްގެން ނަަމަވެސް މިނިސްޓްރީގެ ދަށަށް މަސައްކަތް ބަދަލުކޮށްގެން ކުރިއަށްގެންދެވޭތޯ،"

ގިރާވަރު ފަޅު ހިއްކުުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.