ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ވަކިކުރި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރަކު ރައީސް އޮފީހާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވަކިކުރެއްވީ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހުސައިން ޒައިދާން ޖަލީލް އަދި މެންބަރުންގެ ގޮތުގައި ތިއްބެވި އަހުމަދު އަޝްރަފާއި ހަދީޖާ ނައީމެވެ. އެ ބޭފުޅުން އެ މަގާމުން ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އެ ހަތަރު ބޭފުޅުން ވަކިކުރުމުން، މުނައްވަރާއި ޒައިދާނާއި އަޝްރަފުގެ ފަރާތުން ވަނީ އެ ބޭފުޅުން ވަކިކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް ދައުލަތުން ވަނީ އެ މައްސަލައަކީ ސިވިލް ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭނެ މައްސަލައެއް ނޫން ކަމަށާއި މެންބަރެއްގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވި ކަމަށް ކަނޑައަޅާ ފަރާތަކީ ރައީސް ކަމަށް ސިވިލް ކޯޓުގައި ބުނެފައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވި ކަމަށް ރައީސް ނިންމެވި ނިންމުމާ މެދު އެ ކޯޓަށް ވަކި ގޮތެއް ނުނިންމޭނެ ކަމަށާއި އެއީ ރައީސަށް ގާނޫނުން ލިބިދޭ ބާރުތަކާ ފުށޫއަރާ ކަމެއް ކަމަށެވެ.
އެ ހުކުމުގައި ވަނީ، ވެރިކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގާމުތަކަށް އައްޔަނުކުރާ މީހުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައީސަށް އޮންނާނެ ކަމަށެވެ.
ރައީސް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަލަށް ހަތަރު ފަރާތެއް އައްޔަނުކުރައްވައިފައެވެ. އެއީ ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު އިބްރާހީމް ޝަރީފް، ގ. އަލިޝާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫގެ އިތުރުން އަބްދުލްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް