ގައުމުން ބޭރުގައި އުޅުނަސް، ދިވެހީންގެ އަސްލު ހަނދާން ނައްތާނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުން އަންނަ ދިވެހި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ރައީސް މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅުނު ކަމުގައިވިޔަސް، ދިވެހީންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ.

"އަޅުގަނޑު މިހެން ތިޔަބޭފުޅުންނަށް މިހެން ބައްދަލުކޮށްލެވޭ ވަގުތު، ވަރަށް ގިނަ ކިޔަވާކުދިން ވެސް ތިބީމައާ އެއްކޮށް ދަންނަވާލަން ބޭނުންވަނީ ކިޔަވާ ކުދިންނަށް ހާއްސަކޮށް އަޅުގަނޑުމެން ބޭރު ގައުމަކަށް އައިސް ތިބޭ އިރު، އަބަދުވެސް ހަނދާންް ބަހައްޓަން ވާނެއޭ އަޅުގަނޑުމެންގެ އަސްލު، އަޅުގަނޑުމެންގެ އައިޑެންޓިޓީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެ އޮންނަ ޓްރެންޑަކާ އެއްކޮށް ކޮންމެވެސް ވަރަކަށް ބައެއް ކުދިން ޑީވިއޭޓްވެ، ދީނުގައި އޮންނަ ގޮތް ދޫކޮށްލެވޭ ގޮތްވާ ކަމަށާއި އެހެންވިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި މުސްލިމުންކަން ހަނދާނުގައި ބަހައްޓައިގެން އަމަލުތައް ބެހެއްޓުމަށް ރައީސް އިރުޝާދުދެއްވިއެވެ.

"އޭރުން ދެން ހުރި ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، ބަރާބަރަށް ނަމާދުކުރުމާއި ދެން ހުންނަ ހުރިހާ ކަމެއް ވެސް ކުރަމުންދާށޭ. އެހެން ދިމާލަކުން ލިބޭނެ މޮޅެއް ނޯންނާނެ ހަމަ ޔަގީނުންވެސް. އިސްލާމްދީނުގައި އޮންނާނީ މޮޅު، ހުރިހާ މޮޅެއް ވެސް، ހުރިހާ ކާމިޔާބެއް ވެސް، ހުރިހާ ފަލާހެއް ވެސް އޮތީ އިސްލާމްދީނުގައި. އެހެން ދިމާލަކުން ލިބޭނެ އުފަލެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ބަޔަކު އުޅޭ ގޮތަކަށް އުޅެގެން ލިބޭނެ އުފަލެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެކުވެރިންނާއި އާއިލާތައް އުފާވެރިކަމާއެކު ވަގުތުތައް ވެސް ހޭދަކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަންކަން ވެސް ކުރަން ޖެހޭނީ އިސްލާމްދީނުގައި އޮންނަ އިންތަކުގެ ތެރެއިން، އޮންނަ މިންގަނޑުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.