މެލޭޝިއާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓުކޮށްގެން ވިޔަފާރިތައް ފުޅާކުރެވޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރު އަންވަރު މިއަދުވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ބޭއްވި "މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަންވަރު ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެގައުމު ކަމަށެވެ. އަންވަރު ވިދާޅުވީ އެފަދަ ޒަމާންވީ އެކުވެރިކަމުގެ ގުޅުންތަކުގެ މުހިންމުކަން މިހާރު މާބޮޑު ކަމަށާއި ސަބަބަކީ ޖިއޯޕޮލިޓިކްސްއަށް އަންނަމުން މިދާ ބަދަލުތައް ކަމަށެވެ. އަންވަރު ވިދާޅުވީ މެލޭޝިއާގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއެކު އެމެރިކާއިން ގާތް ގުޅުމެއް ބާއްވަމުން އައިނަމަވެސް އެމެރިކާއިން މިފަހުން ވަނީ ޓެރިފް ބޮޑުކޮށްފައި ކަމަށެވެ.

އެހެންވެ މެލޭޝިޔާގެ ވިޔަފާރިތަކުން ސަރަހައްދީ އަދި އެކުވެރި ގައުމުތަކާ އެކު ގުޅުންތައް ފުޅާކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

"ރާއްޖޭއަކީ ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުވެފައިވާ ގައުމެއް. އަދި ސިޔާސަތެއް ބަދަލުވިޔަސް އިންވެސްޓަރުންނަށް ގެއްލުމެއް ނޯންނާނެކަމުގެ ޔަގީންކަން ރާއްޖޭގައި އޮންނާނެ. މިހާރު ރާއްޖެއިން މަސައްކަތް ކުރަނީ ތިމާވެއްޓާ ރަށްޓެހި އިގްތިސޯދެއް ބިނާކުރަން. އަޅުގަނޑުމެން ދެގައުމުގެ ރައްޔިތުން ދެގައުމުގެ ދެމެދު އެބަ ދަތުރުކުރަން. އަޅުގަނޑުމެންގެ ހާރިޖީ ގުޅުން ވަރުގަދަ. އެހެންވީމާ މި ގުޅުން އިތުރު ހަރުފަތަކަށް ގެންދަން އަޅުގަނޑު ބޭނުން. މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖެ ވަޑައިގެންނާއި މިތަނުގައި މިތިބި މިނިސްޓަރުންނާ ވާހަކަދައްކައިގެން ވިޔަފާރީގެ ޕޮޓެންޝިއަލް ދެނެގަތުން އަޅުގަނޑު އެދެން. ރާއްޖޭގައި ވިޔަފާރި ކުރިއެރުވޭނެކަން އަޅުގަނޑަށް ޔަގީން." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ރާއްޖޭގެ މިސްރާބު އެހުރީ އާ ދިމާލަކަށް ކަމަށެވެ. މެލޭޝިއާ އާއި ރާއްޖެއަކީ ޒަމާންވީ ދެ އެކުވެރިކަން ގައުމުކަން އަނެއްކާވެސް ފާހަގަކުރައްވައި އަންވަރު ވިދާޅުވީ ރާއްޖޭގެ ޕޮލިސީތަކަށް މެލޭޝިއާ ފަރިތަވާނެ ކަމަށެވެ.

މިފަދަ ވިޔަފާރި ފޯރަމްތަކުގައި ރަސްމީ ދަތުރުފުޅެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ މިއީ ވަރަށް މުހިންމު ފޯރަމަކަށް ވުމުން ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.