ގުޅީފަޅުގައި މީހުން އާބާދުކޮށް ދިރިއުޅެން ފަށާއިރު އެތަނަށް 600 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހަރަދު ކުރަންޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ނުހިއްކާ ތަންތަނުން ގޯތި ދީފައިވާއިރު، އެ ތަންތަން ހިއްކައިގެން ރައްޔިތުންނާ ގޯތިތައް ހަވާލުކުރަން ކިތައް ބިލިއަން ރުފިޔާ ހަރަދުވާނެތޯ މުއްތަލިބު ކައިރިން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ ސްކީމުގެ ދަށުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ބިންތަކުގެ އަގުތައް ކަނޑައެޅުމާއި އޭގެ ސަބަބުން ކުންފުނިތަކަށް ލިބޭނެ ގެއްލުމާއި ދައުލަތުން ކުރަން ޖެހުނު ހަރަދުގެ އޮޑިޓެއް އޮޑިޓާ ޖެނެރަލް ހައްދަވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތަކުގެ ސީދާ އަގެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދީފައިވާ ތަންތަނުގެ ތެރެއިން ގުޅީފަޅުގައި ކުރާ މަސައްކަތްތަކުގައި މިހާރު ހިއްކާފައި އޮތް ބިމަށް އެކަނިވެސް 200 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި އެތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގާއިމުކޮށް، މަގުހެދުމާއި ދެންހުރި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށްޓަކައި 400 މިލިއަން ޑޮަލަރު ހަރަދުވާނެ ކަމަށާއި އެެހެންކަމުން އެތަނުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމުން މަދުވެގެން 600 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހަަރަދުވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގުޅީފަޅުން 3،500 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.