ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ލިސްޓުގައި ނުވެސް ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައިިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް، ހައުސިން މިނިސްޓްރީ ރޯވިއިރު އަނދާފައިނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެފަދަ ލިޔުންތައް ނެތިގެން ގޮސްފައިވޭތޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް އަނދާފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމެންޓްތަކުގެ ހާޑް ކޮޕީ ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދަނީ، އެ ސްކީމުގެ ދަށުން އޮޅުވާލައިގެން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ލިބިފައިވާ ކަމަށް ދައްކައި ސައްހަ ނޫން ލިއުންތަކެއް ހަދާފައިވާ މައްސަލަ ކަމަށެވެ.

"މި ސްކީމަކީ ޕޯޓަލްއެއް މެދުވެރިކޮށް އެޕްލިކޭޝަންގެ މަރުހަލާތައް ނިންމައި ޕޯޓަލް މެދުވެރިކޮށް ބަލަހައްޓަމުން ގެންދާ ސްކީމެއް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލުބުނު މީހުންގެ ލިސްޓަކީ ގެޒެޓް ކުރެވިފައިވާ ލިސްޓަކަށްވާތީ އާއި އެ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ މައުލޫމާތު، މިނިސްޓްރީން ގެންގުޅޭ ޕޯޓަލް ތެރޭގައި ހުރިކަން ފާހަގަކޮށްލަން،" މުއްތަލިބް ވިދާޅުވިއެވެ.

ބަޔަކަށް ވަގަށް ގޯތިތަކެއް ދިން ކަމުގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓް 19 ޑިސެމްބަރުގައި ފުުލުހުން ހިފެހެއްޓިއެވެ. ނަމަވެސް އެ އެންމެންގެ ޕާސްޕޯޓް މިދިޔަ މާޗު މަހުގެ 26 ގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން މާފަންނުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވެ މުޅި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެނދީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ހާދިސާގައި ބައެއް ލިޔެކިޔުންތައް އެނދި ނަމަވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. އަދި އެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވާކުރެވޭތޯ ބަލަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެ އެވެ.