ރާއްޖޭގެ އެންމެ ވަރުގަދަ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިނާއި ހަމްނާ އަހުމަދު، ގައުމީ އިތުރު ރެކޯޑުތަކެއް ހަދައިފިއެވެ.
ހަންގޭރީގައި ތަމްރީނުތައް ފުރިހަމަ ކުރަމުން އަންނަ ހަމްނާއާއި އާން މިފަހަރު ރެކޯޑުތައް ހެދީ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ.
ހަމްނާ 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މުގުރާލީ ތިން މިނެޓް، 3.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ މީގެ ކުރިން އައިޝަތު ސަޖީނާ އަތުގައި އޮތް ރެކޯޑެކެވެ. ސަޖީނާ އެ ރެކޯޑު ހަދާފައި އޮތީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ތިން މިނެޓް، 4.53 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭގެ އިތުރުން ދެން ހަމްނާ މުގުރާލި އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ރެކޯޑަކީވެސް މީގެ ކުރިން ސަޖީނާ އަތުގައި އޮތް ރެކޯޑެވެ. ހަމްނާ މިފަހަރު ރެކޯޑު މުގުރާލީ އެއް މިނެޓް 23.38 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ރެކޯޑަކީވެސް މީގެ ނުވަ އަހަރު ކުރިން 2016 ވަނަ އަހަރު ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ސަޖީނާ ހަދާފައި އޮތް ރެކޯޑެކެވެ. އެއީ އެއް މިނެޓް، 24.65 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާން މިފަހަރު ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑު ހެދީ 26.77 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑަކީ ކުރިން މުހައްމަދު ރިހާން ޝިހާމް އަތުގައި އޮތް ރެކޯޑެކެވެ. ރިހާން މިދިޔަ އަހަރު އެ ރެކޯޑު ހަދާފައި ވަނީ 59 ވަނަ މައިލޯ އެމްއޭއެސް މެލޭޝިއަ އިންޓަނޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް، 26.98 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މުޙައްމަދު ޝަމްޢޫން
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން