އިޓަލީގެ ބޮލްޒާނޯގައި ކުރިއަށްދިޔަ ބޯޒެން ސްޕްރިންގް އިންޓަނޭޝަނަލް ސްޕްރިން ބެޑްމިންޓަން ޓޯނަމެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް ދެ ލޯ މެޑަލް ހޯދައިފިއެވެ.

ލައިބާ އެ މުބާރާތުން ލޯ މެޑަލް ހޯދާފައިވަނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ މިކްސް ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީންނެވެ. ސިންގްލްސްގައި ލައިބާ ވާދަކޮށް ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. އެއީ ސްވިޒަލޭންޑްސްގެ 13 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ އެލިއާ ޑަކް އަތުން ބަލިވެގެންނެވެ.

މިކްސް ޑަބަލްސް ލޯ މެޑަލް ލައިބާ ހޯދި އިރު، އޭނާގެ ޕާޓްނަރަކީ ސްލޮވޭނިއާގެ މަޓިޗް ނެޒް އޮގޮރެލެކެވެ. މިކްސް ޑަބަލްސް ގަދަ 16ގެ ބުރުގައި ލައިބާއާއި މަޓިޗް ވަނީ މިޝަލް މަޓެޖްކާއާއި ޑާލިއާ ނަހްދާވީ ކައިރިން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އަދި ކުއާޓާގައި ފެލިކްސް އޮއެސްޓްރެއިޗާ އާއި ލީނާ ގޮގެލޭ އަތުން 2-1 ސެޓުން މޮޅުވެ ސެމީއަށް ދިޔައިރު، ސެމީގައި ބަލިވީ ސްވިޒަލޭންޑްގެ ޖޮނަތަން ވޮލްކެންއާއި ޑުކް އަތުންނެވެ. އެއީ ސީދާ ދެ ސެޓުންނެވެ.

އަންހެން 13 އަހަރުން ދަށުގެ ޑަބަލްސްގެ ކުއާޓާގައި ލައިބާއާއި އޭނާގެ ޕަޓްނަރު، ޖަރުމަނުގެ މަރީ އުލްމާން ވަނީ އިޓަލީގެ ރެބެކާ އެރްލަޗޭ ކައިރިން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ސެމީގައި ބަލިވީވެސް ސްވިޒަލޭންޑްގެ ޑުކާއި ނީލާ ގަރްމަން ކައިރިންނެވެ. އެއީ 2-1 ސެޓުންނެވެ.

އިޓަލީ މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 25 އިން 27 އަށެވެ. އެ މުބާރާތުގައި 20 ގައުމެއްގެ 330 ވަރަކަށް ކުޅުންތެރިން ވާދަކުރިއެވެ.