ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ރޭ އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ ޝިޕްމެންޓްތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގެންފައިވަނީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ކަމަށާއި އެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އެ ސިނގިރޭޓްތައް އެތެރެކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ތިންވަނަ ބާބު ކަމުގައިވާ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލް ޖެހުމާއި އަށްވަނަ ބާބުގައިވާ ހުއްދަ ދޫކުރުމާ ހިލާފަށް ކަމަށްވާތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.