ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން 101 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގެ ބިން ހިއްކައި ނިންމައިފައިވާ ކަމަށެވެ.
"މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމުލަ 1009 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފައެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 101 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި،" އެޗްޑީސީން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް J ގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް D,F,G,L ގެ ޖުމުލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިމެވެ.
މިހާރު ހިއްކައި ނިންމާފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ މަޝްރޫއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. މިއީ ހުޅުމާލެއަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށް ހިއްކަން ނިންމާފައިވާ ރަށެކެވެ. އަދި ރަސްމާލޭގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ބޮޑު އާބާދީއެއް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11،000 ގޯއްޗާއި، 26،000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، މިއީ ރާއްޖޭގައި މިހާތަނަށް ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި މަޝްރޫއުގެ ބިމުގެ ބޮޑުމިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، ރަސްމާލެ އަކީ ހުޅުމާލެއަށްވުރެ އޭގެ ތިން ގުނައެވެ. އެ މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަމާޒަކީ މިއަހަރު އެ ތަނުގެ ބިން ހިއްކުން ނިންމުން ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023 ގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އިރު، އެ މަސައްކަތް ކުރިއަށްދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ.
ފާތިމަތު ލިއުޝާ
ރަސްމާލެ
ރަސްމާލެ