ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ލަވައިން ފުޓްސަލްގެ ޖޯޝާއި ފޯރި ކައްކުވާލައިފިއެވެ. ފުޓްސަލްގެ ބޮޑު އީދަކަށް ފުވައްމުލަށް ތައްޔާރުވަމުންދާ އިރު، ބޮޑުބެ ޗެލެންޖްގެ ލަވަ ރިލީސް ކުރުމާއެކުވެސް މުބާރާތަށް އޮތް ފޯރި ފުރިހަމައަށް ފެނިގެން ގޮސްފިއެވެ.
މިހާތަނަށް ފޭސްބުކްގައި ލަވަ ރިލީސް ކުރުމަށް ކުރި ލައިވް އަށްވެސް 20،000 އާ ގާތްކުރާ އަދަދަކަށް ވިއުސް ލިބިފައިވާ އިރު، ލަވައިން ފުވައްމުލަކުގެ ހިތްގައިމު މާހައުލު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. އަދި އެ ސިޓީގެ އެތައް މޫނެއް ލަވައަށް ބޭނުންކޮށްފައިވާ އިރު، އެ މޫނުތަކުން ރަށުގެ ރޫހާއި ފޯރި ފެނިގެންދެއެވެ.
ބޮޑުބެ ޗެލެންޖުގެ ރަސްމީ ލަވަ ޕްރޮޑިއުސް ކޮށްފައިވަނީ މަޝްހޫރު ރެޕް ބޭންޑް، ސިމްބޮލިކް ރެކޯޑްސް އިންނެވެ. ލަވައިގެ ތެރެއިން ސިމްބޮލިކް ރެކޯޑްސްގެ މަގުބޫލު އާޓިސްޓުން ކަމަށްވާ މުހައްމަދު އިހުސާން (ޕެންޑާ) އާއި މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) ފެނިގެންދާ އިރު، މުބާރާތާ ގުޅުންހުރި އެކިއެކި ފަންނުވެރިންވެސް ފެނިގެން ގޮސްފައިވެއެވެ.
ޖުމުލަ 10 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތުގެ ގުރު ނެގުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ބޮޑުބެ ޗެލެންޖް ވެގެންދާނީ ފުވައްމުލަކުގެ ފުޓްސަލްއަށް އިންގިލާބެއް ގެނެސްދޭނެ މުބާރާތަކަށެވެ.
ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިހާރުވެސް ޓީމުތަކުން ވަރުގަދައަށް މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޔަގީނުންވެސް ރާއްޖޭގެ ފުޓްސަލް ގިނަ ތަރިންތަކެއް މުބާރާތުން ފެނިގެންދާނެ ކަމަށެވެ.
ބޮޑުބެ ޗެލެންޖް އިންތިޒާމުކުރަނީ ބޮޑުބެ ގްރޫޕުންނެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް