ސޮނެވާފުށި ރިސޯޓުގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރުމުން އެ ރިސޯޓު 448,375 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނެފިއެވެ.
އީޕީއޭއިން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ، އެ މުއައްސަސާއިން އެ މައްސަލައާ ގުޅިގެން އެއްކުރި މައުލޫމާތުންނާއި، ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ފަރާތުން އަދި ފުލުހުން ހިއްސާކޮށްފައިވާ ހާދިސާ ރިޕޯޓަށް ބެލުމުން ބައެއް ކަންކަން ކަށަވަރުވެފައިވާ ކަމަށެވެ.
އެގޮތުން ނެލިވަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމާއި، އަދި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ފިޔަވަޅު އަޅާނެކަން އަންގައި ސޮނެވާފުއްޓަށް 11 ޖޫން 2024 ގައި ސިޓީއެއް އީޕީއޭއިން ފޮނުވާފައިވާކަން އެނގުނު ކަމަށެވެ.
ނަމަވެސް 18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ޖުމުލަ 10 މީހުން، އިރުއޮއްސި 18:00 ގެ ފަހުން އެ ސަރަހައްދަށް ވަދެފައިވާ ކަމަށާއި އެ ސަރަހައްދަށް އެ މީހުން ވަދެފައިވަނީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ނުހޯދައިކަން އެނގިފައިވާކަމަށް އީޕީއޭއިން ބުންޏެވެ.
އަދި ނެލިވަރު ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އެ ސަރަހައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން އަމަލުކޮށްފައިވުމާއި އެތަނުގައި އަލިފާން ރޯކުރުމާއި އަލިފާން ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުންޏެވެ.
ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި، ފުލުހުން 18 ޑިސެމްބަރ 2024 ވަނަ ދުވަހު ނެލިވަރަށް ހާޒިރުވެ، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަހައްދު ދޫކޮށްދިޔުމަށް އެންގި އެންގުމާއި އެ މީހުން ހިލާފުވެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުންޏެވެ، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށްފަހުކަމަށް ވެސް އީޕީއޭއިން ބުންޏެވެ. އެ ސަރަހައްދު ސާފުކޮށް ނިމިފައިވާކަންވެސް ފާހަގަކުރެވުނުކަމަށް އީޕީއޭއިން ބުންޏެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެ، އަދި ހަމައެހެންމެ، އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވުމަކީ ގާނޫނު ނަންބަރު 4/93 "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"އާއި ގަވާއިދު ނަންބަރު: 2018/R-78 "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އަދި ނަންބަރު: (IUL)438-ENV/438/2024/224 އިއުލާނާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމުގައި ކަނޑައަޅައި އެފަރާތް 448,375ރުފިޔާއިން ޖޫރިމަނާ ކުރެވިފައިވަނީ." އީޕީއޭއިން ބުންޏެވެ.
އަދި ޖޫރިމަނާގެ ފައިސާ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައިި ބަނޑޭރި ޕޭ މެދުވެރިކޮށް އީޕީއޭއަށް ދައްކައި ހާލާސްކުރުމަށް އަންގާފައިވާނެކަމަށްވެސް އީޕީއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް