އަކްޝޭ ކުމާރު، އަނަންޔާ ޕާންޑޭ އަދި އާރު މަދަވަން ފަދަ ތަރިން ބައިވެރިވާ "ކޭސަރީ ޗެޕްޓަރ 2" ވަނީ 18 އޭޕްރިލްގައި ތިއޭޓަރުތަކަށް ނެރެފައެވެ. މި ފިލްމުގައި ހިމަނައިފައިވާ، ޑިޒައިނަރު އަދި އެކްޓަރު މަސާބާ ގުޕްތާގެ ޑާންސް ކެމިއޯއަށް އާންމުންގެ ބޮޑު ސަމާލުކަން ވަނީ ލިބިފައެވެ.

މަސާބާގެ ކެބަރޭ ނަންބަރުގެ ކްލިޕްތައް ވަނީ އިންޓަނެޓުގައި ވައިރަލްވެފައެވެ. މަސާބާ ބުނެފައިވަނީ ސަމަންތާ ރުތު ޕްރަބޫގެ "އޫ އަންތަވާ" ލަވައިން ހިތްވަރު ލިބިގެން، މި ޑާންސް ބައިވެރިވީ ކަމަށެވެ. އަދި މި ޑާންސް ޝޫޓް ކުރީ މީގެ ދެ އަހަރު ކުރިން، އޭނާ މާބަނޑުވުމުގެ ވެސް ކުރިން ކަމަށް ބުނެފައިވެއެވެ.

މަސާބާ އިތުރަށް ބުނެފައިވަނީ ރީތި "އައިޓަމް ލަަވައެއް" ނަމަ، އެފަދަ ލަވައެއްގައި ބައިވެރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ކޭސަރީ ޗެޕްޓަރ 2" އަކީ ކަރަން ސިންގް ތިޔާގީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު މިހާރު އަންނަނީ ތިއޭޓަރުތަކުގައި ދައްކަމުންނެވެ.