އިންޑިއާއާއި ޕާކިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރާލި ހާދިސާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާ އާއި ޕާކިސްތާން ބޯޑަރު ކައިރީގައި ބަދަލުކުރި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަހަމްވެފައެއް ނުވެ އެވެ.

އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޕަހަލްގާމުގައި ދިން ހަމަލާއަކީ ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާއެކެވެ. އެހެންވެ އިންޑިއާ އިން ވަނީ އެ މައްސަލައިގައި ޕާކިސްތާނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން އިންޑިއާގައި ތިބި ޕާކިސްތާނު މީހުންގެ ވިސާ ކެންސަލްކުރުމަށް ނިންމާފައިވާއިރު ޑިޕްލޮމެޓިކް ފަރާތްތައްވެސް އެނބުރި ޕާކިސްތާނަށް ފޮނުވާލުމަށް ވަނީ ނިންމައިފައެވެ.

ނަމަވެސް ޕާކިސްތާނުން ވަނީ އެ ހަމަލާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ޕާކިސްތާން ސަރުކާރުންވެސް ވަނީ އިންޑީއާ މީހުން އެ ގައުމަށް އެތެރެވުން ހުއްޓުވުމަށް ވިސާ ނުދޭން ނިންމައިފައެވެ. އަދި ޕާކިސްތާނުގައި ތިބި އިންޑިއާގެ ޑިޕްލޮމެޓުން ވެސް އެ ގައުމުން ބޭރުކުރަން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ޕާކިސްތާނުން ވަނީ އިންޑިއާއަށް ނިސްބަތްވާ ހުރިހާ ފްލައިޓަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.