އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، ސަރުކާރުގެ ހަރަދުގައި ބޭސް ފަރުވާއަށް މެލޭޝިއާއަށް ފޮނުވުމަށް ނިންމައިފިއެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައިވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ. އެންސްޕާއިން މިހާރު ދަނީ ޗާޓަރު ފުލައިޓެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.

ބޭސްފަރުވާގެ ކަންކަމަށް އެންސްޕާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

ޔުމްނު ގެންދިއުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ކޮން ހޮސްޕިޓަލަށްކައްކަން އަދި ސާފުނުވާކަމަށް އާއިލާއިން ބުންޏެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.

އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވީ ނަމަވެސް، އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެެޗުގެ އައިސީޔޫގައެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެވަގުތު އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.