ސިޔާސީގޮތުން ގައުމުގައި އެކިކަހަލަ ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުސަތުދިނުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުން ނުބައި މަގަކުން ގެންދިއުމަށް ސިޔާސީ ފަރާތްތަކަކުން މީގެ އަހަރުތަކެއް ކުރިން އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ. އަދި ދާދިފަހުން ޒުވާން އަންހެނަކު އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސިޔާސީގޮތުން އަޅުގަނޑުމެންގެ ތެރޭގައި އެކިކަހަލަ ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުސަތުދިނުމުގެ ބޭނުމެއް ނެތް. މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއެއް ވިސްނާލާ އިރުވެސް. މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓުކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫން ކަމަށްބުނެ، ޒުވާންކަމުގައި ބޭނުންގޮތަކަށް އުޅުމަށް ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމުގައި އެ ޒުވާނުން މިސްޔޫސްކުރަމުންދާ ދިއުން ލޯހުޅުވައި ބަލަން އެބަޖެހޭ ކަމަށެވެ. އަދި އެ ޒުވާނުން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާއެއް ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެން ނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލް ވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިކުނޑި ދޫކޮށްލާ ބަޔަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މީހަކު ދައްކާހާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި އަމިއްލަ ސިކުނޑިން ވިސްނާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި ތެދުދޮގު ބެލޭ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު