ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓުތައް ދޫކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަބަދުވެސް ކަނޑައަޅަނީ އެ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ލިބިގެން ކަމަށާއި ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ އުސޫލާ ހިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި ފްލެޓުތައް ދޫކުރަން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި އިއުލާންކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ތިނަދޫ ސިޓީ ކައުންސިލްގެ އެ އިއުލާނު މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބާތިލުކޮށް އެކަން އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި ހައުސިން ޔުނިޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތުގެ އުސޫލު އެންޑޯސް ކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އެ ކައުންސިލުން ކޮށްފައިނުވާ ކަމަށް ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހައުސިން ޔުނިޓުތައް ދޫކުރަން ތިނަދޫ ސިޓީ ކައުންސިލުން ކުރާ އެއްވެސް ކަމެއް އެ މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށެވެ.

އެ ބަޔާނުގައި މިނިސްޓްރީން އިތުރަށް ބުނީ، އެ ހައުސިން ޔުނިޓުތައް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލު ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް މިނިސްޓްރީން ކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ އިންސާފުވެރިކޮށް ކަމަށްވެސް ބުންޏެވެ.