ހ. ފެންޓޯނިއާގެ އިން އަންހެނަކު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ ހިނގި ކަންކަމުގެ ފުޓޭޖު ފުލުހުން މިއަދު އާންމުކުރުމުން، އެ އަންހެން މީހާގެ ކަރާމަތަށް އުނިކަން ލިބިފައިވާކަން ފާހަގަކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފެންޓޯނިއާގެއިން ވެއްޓުނީ، ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު 21، އެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ. މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ، އެ ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް އަދި މައްސަލައިގައި ހިމެނޭ ބައެއް މީހުންނަކީ ދައުލަތުގެ އިސް ބައެއް ބޭފުޅުންނާ ގުޅުން ހުރި ބައެއްކަމަށް ދެކެވޭ ވާހަކަތަކަށް އެ ކޮމިޝަނުގެ ތަހުގީގުގައި ރިއާޔަތްކުރާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ ހާދިސާ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން އަނިޔާވި މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އާއިލާގެ ބަހެއް ލިބުނީ މިއަދު ކަމަށާއި އެ މައްސަލައިގައި ފުލުހުންނާއި އެހެން އިދާރާތަކުގެ މަސައްކަތްތަކާ މެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ހުރިހާ ހެއްކެއް އެއްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެޗްއާރުސީއެމުން ބުންޏެވެ. އެގޮތުން އިއްޔެ ރެއާއި މިއަދު ހެނދުނު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިޔާވި އަންހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އެ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ އެކަމުގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުކޮށް، މައްސަލައާ ގުޅުން ހުރި އެހެން މީހުންގެ މައުލޫމާތު ހަމާކޮށްފައި ނުވުމަކީވެސް އަނިޔާވި މީހާ އާއި އެ ހާދިސާގައި ޝަމިލުވާ އެހެން މީހުންނާ ތަފާތުކުރުން ކަމުގައި ބެލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން އަނިޔާވި މީހާ އިތުރަށް "ވިކްޓިމައިޒް" ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމުން ބުނީ، އެ ހާދިސާގެ ތަހުގީގު ފުރިހަމަ ނުވަނީސް އެ ހާދިސާ ހިނގި ގޮތްކަމަށް ބެލެވޭ ގޮތަކަށް ފުުލުހުން މައުލޫމާތު ދިނުމަކީ، ފުލުހުންނަށް ކުރާ އިތުބާރު ގެއްލި ތަހުގީގުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ އެ ހާދިސާގައި އަނިޔާވި ފަރާތާއި އެ ފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، އެ ފަރާތުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.