މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހު ޑރ. ސަލާހުލް ބުދައިރުގެ ހާއްސަ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިރޭގެ އިޝާ ނަމާދު ކުރައްވާނީވެސް ޑރ. ސަލާހު ކަމަށެވެ.

އިމާމު ޝައިހު ޑރ. ސަލާހު ރާއްޖެ ވަޑައިގެންނެވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު، މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

އިމާމު ސަލާހު ރާއްޖެ ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އިމާމު ސަލާހުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.

ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިމާމު ޝައިހު ޑރ. ސަލާހު މިދިޔަ ހޯމަ ދުވަހު ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން އޮތީ ރައީސްގެ އޮފީހުގައެވެ.

އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ ޒުވާން ހަތީބުންނާއި އިމާމުންނާއި ޝައިހު ޑރ. ސަލާހު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ހަތީބުންނާއި އިމާމުންނާއި މުހާތަބުކުރައްވައި އަގުހުރި ނަސޭހަތްތަކެއް ދެއްވާފައިވެއެވެ.

އޭގެ އިތުރުން އިމާމު ސަލާހު ވަނީ ސަލްމާން މިސްކިތުގައި ރޭގެ މަގްރިބް ނަމާދާއި އިޝާ ނަމާދުވެސް އިމާމުވެ ކުރައްވައިފައެވެ. އަދި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ސަލާހެވެ.

މިއީ ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ދެވަނަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ.