މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާގެ މައްސަލައާ ގުޅުވައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށް ރައްދު ދެއްވައިފި އެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވާ ގޮތުން ޔުމްނާ އާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ. އެއީ ޔުމްނާގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ. އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ 'މާލޭގެ މެދުތެރޭގައި' ހުރި ގެއަކަށް ކަމަށް ފުލުހުން ބުނެ އެވެ.

އެ ގޭގެ ނަން ފުލުހުން ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހުން ފުރަތަމަ ތިބި ގެއަކީ، މއ. މާންދޫގެ ދެކުނުގެ އެވެ. ފުލުހުން ބުނާ ގޮތުން ޔުމްނާ ވެއްޓުނީ ގ. ފެންޓޯނީގެ ނުވަވަނަ ބުރިން އެގެއާ ޖެހިގެން ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށެވެ.

އަމީން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަޔަކު އޭނާ ދިރިއުޅުއްވާ އިމާރާތުގައި އެއްވުމެއް ބޭއްވި ކަމަށާއި އެ ގެއަކީ އޭނާގެ އެއްބަނޑު އެއްބަފާ ތިންބެއިންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގެއެއް ކަމަށެވެ.

އެހެންކަމުން އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެ މީހުންނާ ސުވާލުކުރަން ފުލުސް އޮފީހަށް ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދާ ހަމައަށްވެސް، މި މައްސަލައިގެ ތަހުގީގާ ބެހޭ އަޕްޑޭޓްތައް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނުވަތަ ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތަކާ ގުޅައި ނުވަތަ މުއާމަލާތްކޮށްފައެއް ނުވާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވަނީ މި މައްސަލައިގައި ފުރާނައަށް ނުރައްކާވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ 21 އަހަރުގެ އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރައްވާފަ އެވެ.