ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ކޮރަޕްޝަން ހިންގައިގެން ނުހައްގު ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާ ދައުލަތަށް ނަގަން، މަޖިލީހަށް ހުށަހަޅަން އެ މައްސަލަ ބަލަމުންގެންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށް އެކުލަވައިލި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ކަންތައް އެ ކޮމިޓީގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރައްވައިފައެވެ.
ނާޒިމް ވިދާޅުވީ، ތިން ކޮންޓްރެކްޓަރެއްގެ ތެެރެއިން އެ މަސަައްކަތް ކުރިއަށް ގޮސްފައިވާ ކަމަށެވެ.
"ފުރަތަމަ ކޮންޓްރެކްޓަކީ ނޫމަޑިއަށް ދިން ކޮންޓްރެކްޓް، ދެވަނަ ކޮންޓްރެކްޓަކީ އައިލެންޑް އެކްސްޕާޓަށް ދިން ކޮންޓްރެކްޓް، ތިންވަނަ ކޮންޓްރެކްޓަކީ އަމީން ކޮނސްޓްރަކްޝަނަށް ދިން ކޮންޓްރެކްޓް، އެ ކޮންޓްރެކްޓުގެ ދަށުން މަސައްކަތް މިވަނީ ނިމިފަ،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި، ފުލުހުންގެ ބޯހިޔާވަހިކަމަށް 13 ބުރީގެ ތިން ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް 19 ޖޫން 2013 ގައި ފުރަތަމަ ހަވާލުކުރީ 580.2 މިލިއަން ރުފިޔާއަށް ކަމަށާއި އެ މަސައްކަތް ނޫމަޑިއާ ހަވާލުކުރީ 24 މަސް ދުވަހުން ނިންމައި ހަވާލުކުރާގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެ މަޝްރޫއު ހަވާލުކުރީ 300 ހައުސިން ޔުނިޓް އެޅުމަށް ނަމަވެސް އެކި ފަހަރު މަތިން ޔުނިޓްތަކުގެ އަދަދު ބަދަލުކޮށް އެންމެ ފަހުން ހަވާލުކުރީ 361 ހައުސިން ޔުނިޓް އެޅުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި މަސައްކަތް ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި އިރު، އެކަމަށް ބޭނުންވާ ބައެއް ސާމާނު ސައިޓްގައި ހުރިކަމަށް އޭރު އެ މަސައްކަތް ކުރަމުންދިޔަ އައިލެންްޑް އެކްސްޕާޓުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތް ފަށައިގެން ބެލިއިރުގައި ސާމާނުތައް ނެތިގެން އަލުން ސާމާނު ހޯދަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު އެނގިފައި އެބައޮތް މި މެޓީރިއަލްތައް އެހެން ސައިޓެއްގައި ހުރިކަންވެސް، އަދި އެ ދުވަސްވަރު އައިލެންޑް އެކްސްޕާޓްގެ ފަރާތުން ސިފްކޯ ފްލެޓްތަކުގެ މަސައްކަތްވެސް ކުރި، އެހެންކަމުން ސިފްކޯގެ ސައިޓަށްވެސް މި ތަނުން މުދާ ގެންގޮސްފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން އަމީން ކޮންސްޓްރަކްޝަނުން މަސައްކަތް ނިންމުމަށް 66 މިލިއަންގެ ވޭރިއޭޝަނެއް ދޭން ޖެހުނު ކަމަށެވެ. އެހެންކަމުން އެ ތަކަތި އެތާ ނެތުމަކީ، ޕޮލްކޯގެ އިހުމާލެއް ކަމަށްވެސް ވިދާޅުވިއެވެ.
ވޭރިއޭޝަންގެ ގޮތުގައި 66 މިލިޔަން ދޭން ޖެހުނީ ޕޮލްކޯއިން އެކަން ނުކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ދެވަނަ ކޮންޓްރެކްޓް ބާތިލުކުރީ ދެ ފަރާތް އެއްބަސްވެގެން، އެގްރީމެންޓެއްގެ ދަށުން ނަމަވެސް އެ އެގްރީމެންޓުގައި ބުނާ އަދަދަށްވުރެ އިތުރަށް މަސައްކަތް ނުނިމެނީސް އައިލެންޑް އެކްސްޕާޓަށް ފައިސާ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އައިލެންޑް އެކްސްޕާޓާއި ޕޮލްކޯއާ ދޭތެރޭ އެބައޮތް އެއްބަސްވެފަ. އެ ފައިސާ އަނބުރާ އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް ދައްކަން، އެއީ 129.5 މިލިއަން ރުފިޔާ. އަދި ތިންވަނަ ފަރާތެއް މީގެ ތެރެއަށް ވައްދާފަ އެބައޮތް، އެއީ އެންސިސް. އެތަން މީގެ ތެރެއަށް ވައްދާފަ އޮތީ އެންސިސްއިން އައިލެންޑް އެކްސްޕާޓަށް ދޭންޖެހޭ ފައިސާ ޕޮލްކޯއަށް ދައްކާގޮތަށް، އެއީ 2.7 މިލިއަން ޑޮލަރު،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެއިން އެއްވެސް ފަރާތަކުން ޕޮލްކޯއަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. ނަމަވެސް ޕޮލްކޯއިން ނެގި ފައިސާ ބޭނުންކޮށްގެން އައިލެންޑް އެކްްސްޕާޓުން، ހުޅުމާލޭން ބިމެއް ހޯދައި، އެ ބިމުގައި 17 ބުރީގެ އެޕާޓަމަންޓް ކޮންޕްލެކްސްއެއްގެ ކޮންކްރީޓް މަސައްކަތް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ޕޮލްކޯއިން ފައިސާ ދިންތާ މާގިނަދުވަހެއް ނުވެ، އައިލެންޑް އެކްްސްޕާޓުގެ ޑިރެކްޓަރަކު ހުޅުމާލެއިން ބިމެއް ގަނެ، އެ ބިން ވިއްކާލާފައިވާކަން ފާހަގަވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެކަމުގައި މިހާބޮޑު އިހުމާލެއް ވެފައިވާ އިރު، ފުލުހުންގެ ތެރެއިން އެކަންތައްތައް ކުރީ ކޮންބައެއްތޯވެސް ދެނެގަނެފައިވާ ކަމަށެވެ.
"އެކި ކޮންޓްރެކްޓްތަކުގެ މުއްދަތުގައި ހަވާލުވެ ތިބި ޒިންމާދާރު މުވައްޒަފުންގެ ތަފްސީލުތައް ހުންނާނެ، ކޮން ޕޭމެންޓެއް ދޫކުރަން ހުއްދަ ދިނީ ކާކުކަމާއި ވައުޗާތަކުގައި ސޮއިކުރީ ކާކުކަން އެނގޭނެ، އެކަމުގައި ވަކިވަކި ފުލުހުން ޒިންމާދާރު ކުރެވޭވަރަށް މައުލޫމާތު ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެގޮތަށް ހުރި އެސެޓްތަކަކީ ދިވެހި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އުފަންކޮށްފައިވާ އެސެޓްތަކެއް ކަމަށް ގަބޫލު ކުރެވޭތީ، އެ އެސެޓްތައް ދައުލަތަށް ނެގުމަށް ގާނޫނާއި ގަވާއިދުގެ ތެެރެއިން ކުރަންޖެހޭ ކަންކަންކޮށް އެސެޓްތައް ދައުލަތަށް ނެގުމަށް ކޮމިޓީ ރިޕޯޓުގައި ރެކޮމެންޑް ކޮށްފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް