ދައުލަތުގެ ބަޖެޓުން މިއަހަރު ސަބްސިޑީއަށް ކުރި ހޭދަ، ހަތަރު ބައިކުޅަ އެއް ބަޔަށްވުރެ ބޮޑުތަނުން މަދުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ގެ ނިޔަލަށް ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައިވަނީ ޖުމުލަ 2.79 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެކަމަށް ހަރަދުވެފައިވަނީ ޖުމުލަ 2.8 ބިލިއަން ރުފިޔާއެވެ.
އެހީ އާއި ސަބްސިޑީ:
- އާސަންދަ: 670.7 މިލިއަން ރުފިޔާ (މިދިޔަ އަހަރު 554 މިލިއަން ރުފިޔާ)
- ސަބްސިޑީ: 986.9 މިލިއަން ރުފިޔާ (މިދިޔަ އަހަރު 1.22 ބިލިއަން ރުފިޔާ)
- ކައުންސިލްތަކަށް: 537.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 563.4 މިލިއަން ރުފިޔާ)
ފިނޭންސުން ބުނީ އެ ހަރަދުތަކުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބަޔަށްވުރެ ބޮޑުތަނުން މަދުވެފައި ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުން ކަމަށެވެ.
އޭގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފައެވެ. އެގޮތުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، މިމަހުގެ 17 ގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތައެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާ އިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
ފިނޭންސްގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، މިމަހުގެ 17 ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.
އެގޮތުން މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާ އިރު، ޓެކްސް ނޫން އާމްދަނީގެ ހިއްސާއަކީ 22.3 އިންސައްތަ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ 5.4 އިންސައްތައިން އިތުރުވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް