މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ބަންދުގައި ހުރީ އެ މައްސަލައިގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރު ހުސެއިން ޒިޔާދު މިނިސްޓަރާ ސުވާލު ކުރެއްވީ، "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރި ކަމަށް، އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލްއަށް ތުހުމަތުކޮށް ތަހުގީގު ކުރިއަށްދާ އިރު، އަދި އޭނާގެ ގެ ބަލައި ފާސްކޮށް 1.4 މިލިޔަން ރުފިޔާ ހޯދާފައިވާ އިރު، ޝަމްއާންގެ މައްސަލައިގައި އޭނާގެ ގެ ފާސްކޮށް ހޯދި ފައިސާ މަދު އިރު، ފަޒުލް މިނިވަނެއްގެ ގޮތުގައި ހުރެ، ޝަމްއާން ބަންދުގައި އޮންނަން ޖެހުނު މައްސަލައިގައެވެ.

ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާފަލާއި އޮރެންޖާ އަޅައި ނުކިޔޭނެހެން އެ ދެ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އަދި ފުލުހުން ހިންގާ ތަހުގީގުގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމްއާންގެ މައްސަލައަކީ ފްރޭމް ކުރުމެއް ނޫންކަން ތަކުރާރުކުރައްވައި، މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކަން ކަށަވަރު ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ކަށަވަރުކޮށްފިން ތިޔަ ވިދާޅުވާ މައްސަލައިގައި ކަންކަން ގޮސްފަ އޮތް ގޮތް، އެއީ އަޅުގަނޑު ވަޒީރެއްގެ ހައިސިއްޔަތުން މައްސަލަތައް ހިނގާގޮތް ބަލަން ގާނޫނުން ތިބޭފުޅުން ލާޒިމު ކުރައްވާފަ އެބައޮވޭ. އަޅުގަނޑު ބަލައިފިން އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލައިގައި ފްރޭމްކޮށްފައި ނެތްކަން، އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލައިގައި މިހާރު ހައްޔަރުގަ އޮތް ބޭފުޅާ އެ އޮތީ އެ މައްސަލައިގަ ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުން ދިވެހި ރައްޔިތުންނަށް އެކަން ސާފުކޮށްދޭނެ ކަމަށެވެ.

"އެ ދައުވާ ޕީޖީ އޮފީހަަށް ފޮނުވޭ ހިސާބުން ފުލުހުން ތަފްސީލީ ބްރީފިންއެއް ދެއްްވާނެ އަޅުގަނޑަށް ފުލުހުން މައުލޫމާތު ދެއްވާފައިވާގޮތުން މާދަމާ އެ މައުލުމާތުތައް ހިއްސާ ކުރައްވާނެ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.