ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ހަމަލާތައް ދެވިފައިވަނީ ގައުމަށްވުރެ އެހެން ކަންކަން އިސްކުރީމަ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި އެ މަނިކުފާނު ދެންނެވި ފަލަ ރަތް ރޮނގާއި އެ ރޮނގުގެ އެތެރެ ހިމާޔަތްކުރެއްވުމުގެ ގައުމީ މަސައްކަތް ކަމަށެވެ.

ރައީސް ފެއްޓެވީ ބަވަނަވެފައި އޮތް ދުނިޔޭގެ ބަދަލުވަމުން އަންނަ މަޝްރަހުގެ އަދި ރާއްޖޭގެ މަޝްރަހުގެ ހާލުގެ ދުލުން އެތަކެއް އަހަރުތަކެއް ވަންދެން އެދި ގޮވަމުން އައި މަސައްކަތް ކަމަށާއި އެއީ 15 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު އިޖާބަނުދެވި، އިހުމާލުވެވިފައި ހުރި މަސައްކަތް ކަމަށް ގައްސާން ވިދާޅުވިއެވެ.

"މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ މި ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައިވަނީ، ދިނުމުގެ ޖާގަ ލިބިފައިވަނީ މި ދެންނެވި އިހުމާލުވެ، ގައުމަށްވުރެ އެހެން ކަންކަން އިސްކުރީމަ،" މިނިސްޓަރު ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ދިވެހި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރީ ފޫނުބެދި މިހުރި އާނގަތައް ބައްދަވައި، ގައުމު ހިމާޔަތްކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކީ ކަމަށާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ މަނިކުފާނު އެ ގެންދަވަނީ އެ އިތުބާރު ދަމަހައްޓަވައި، ވައުދުވެވަޑައިގެން ވައުދު ފުއްދަވަމުން ކަމަށެވެ.

"ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޑީއެފްގެ ގާބިލިއްޔަތު އެތައް ގޮތަކުން، އެތައް ގުނައަކަށް އިތުރުކޮށްދެއްވައިފި. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގައި އެއާކޯއެއް އުފައްދަވައި، ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވައިފި. އިއްޔެ ނޫން އިހަށްދުވަހު ފެނިގެން އެ ދިޔައީ އެމްއެންޑީއެފްގެ އެއްގަމުގެ ބާރަށް، މެރިން ކޯއަށް ހޯއްދަވައިދެއްވާ ކުރިއެރުމުގެ ފެށުން. މިއީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ހޯދަން މަޖުބޫރު ވަސީލަތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.

ގައްސާން އިތުރަށް ވިދާޅުވީ މިނިވަންކަން ހިމާޔަތްވެފައި އޮތުމާއި، އަމާން މުޖުތަމައެއް ގާއިމުވެފައި އޮތުމަކީ އިގުތިސާދީގޮތުން ފިކުރުކޮށްލި ކަމަށްވިޔަސް ގައުމުތަކާ މެދު އިންވެސްޓަރުންގެ ޔަގީންކަން ކަށަވަރުކޮށްދޭ އެއް ހަގީގަތް ކަމަށެވެ. އަދި ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރު ވަނީ އެ މަނިކުފާނު ޝުކުރު ދަންނަވައިފައެވެ.