ރާއްޖޭގެ އިގުތިސޯދު މިނިވަންކަމާއެކު ހިމާޔަތްކޮށް ވަރުގަދަ ކުރެވޭނީ ވެސް ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް އެ ހިދުމަތުގައި ގާއިމުކުރެވިފައި ނެތް ކަމަށެވެ.

އެގޮތުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ ސިފައިންގެ އުޅަނދުތައް ބާވެ، ހަލާކުވެ އަދި އިތުރުކުރަން ޖެހިފައިވާއިރު ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަސައްވަރަކީ މި މަސައްކަތް މި ގޮތުގައި ކުރިއަށް ގެންގޮސް މާ ދުރު ނޫސް މުސްގަތުބަލެއްގައި އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީއެއްވެސް އުފައްދުން، އެ ހިސާބަށް އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަކުރަން މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ލަދު ގަންނާނީ ގައުމީ ލޯބި ނެތް ގައުމަށް ކޮންމެ ގޮތެއް ވާން ވަރިހަމަ މީހުންގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވައިފައެވެ،

"އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށްވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިފައިންގެ ފެންވަރު ރަނގަޅުކުރުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށެވެ.