ސިފައިންގެ ފެންވަރު މަތިކޮށް ވަރުގަދަ ކުރުމަކީ ފަހުރުވެރިކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަނެ މަލާމާތް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް އެ ހިދުމަތުގައި ގާއިމުކުރެވިފައި ނެތް ކަމަށެވެ.
އެގޮތުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ ސިފައިންގެ އުޅަނދުތައް ބާވެ، ހަލާކުވެ އަދި އިތުރުކުރަން ޖެހިފައިވާއިރު ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
"ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި ސިފައިންގެ ބާރު ވަރުގަދަ ކުރުމާއި މި ކަންކަމަކީ ފަހުރުވެރިވާން ޖެހޭނެ ކަންކަން. ސިފައިންނަށް އެކި ކަހަލަ ތަކެތި ހޯދައި ދިނީމައި އެކަމާ ލަދުގަންނަ ނަމަ އެ މީހެއްގެ އަމިއްލަ ނަފުސާ އެބަޖެހޭ ސުވާލުކުރަން ތިމަންނަގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ. ތިމަންނައަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ. މި ގައުމަށް އުފަންވި މަށް ދިވެއްސެއް ވެއްޖެއްޔާ ގައުމީ ލޯބި ހުންނަންޖެހޭނެ. އެ ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ޖެހޭނެ ފަހުރުވެރި ދިވެހި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް. މިއީ ގައުމީ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ސިފައިންނަށް ވަސީލަތްތައް ހޯދައިދޭތީ އެކަމަށް މަލާމާތްކުރާ މީހުންނަށްވެސް މިރޭގެ ޖަލްސާގައި ރައްދު ދެއްވައިފަ އެވެ.
"އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށްވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ފަހުރުވެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު