މަސްޖިދުއްނަބަވީ (ހަރަމްފުޅު)ގެ އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެ މަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ.
ޑރ. ސަލާހު ރާއްޖެ ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.
ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.
ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޑރ. ސަލާހު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑރ. ސަލާހުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝައިހު ޑރ. ސަލާހު އަންނަ ބުދަ ދުވަހުގެރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަގްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިހު ޑރ. ސަލާހުއެވެ.
އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ޑރ. ސަލާހެވެ.
މިއީ ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ދެވަނަ ފަހަރުއެވެ. ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ