ސަރުކާރުގެ މައި ޖަލު، ސެންޓްރަލް ޕްރިޒަން ކޮމްޕެލްކްސް އަދި ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ރިހިބިލިޓޭޓްކުރާ ސެންޓަރު "ހޯޕް އައިލެންޑް" ހަދައިދޭނެ ބަޔަކު ހޯދަން ހޯމްލޭންޑް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ޖުމުލަ 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުތުރުތިލަފަޅުގައި (ޔޫޓީއެފް) ސެންޓްރަލް ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރަން ސަރުކާރުން ނިންމައި އެކަން އިއުލާންކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި ނެރުއްވި ގަރާރުންނެވެ.
ހޯމްލޭންޑް މިނިސްޓްރީން އެ ދެ މަޝްރޫއު ކުރިއަށްގެންދާނެ ފަރާތެއް ހޯދުމަށް އިއްޔެ ގެޒެޓުގައި ކުރި އިއުލާނުގައިވާ ގޮތުން ހޯޕް އައިލެންޑް ހެދުމަށް ހަތަރު ގޮތަކަށް ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ.
ހޯޕް އައިލެންޑް
އެގޮތުން ފުރަތަމަ ގޮތަކީ ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގުމަށް ހުށަހެޅިދާނެ ކަމަށާއި އޭރުން ބަދަލުގެ ގޮތުގައި އިންވެސްޓަރަށް ދޭނީ ދ. ވާނީ އާއި އެ ރަށާ ގުޅިފައިވާ ފަޅު އަދި އިތުރު ދެ ފަޅެއްކަމަށް ހޯމްލޭންޑުން ބުންޏެވެ.
ދެވަނަ ބިން ނުހިއްކާ ހަމައެކަނި ހޯޕް އައިލެންޑުގެ އިމާރާތްތައް ހެދުންކަމަށް ހޯމްލޭންޑުން ބުންޏެވެ. ތިންވަނަ ގޮތަކީ ހައިބުރިޑް މޮޑެލް ކަމަށާއި އޭގައި ހިމެނެނީ ބިން ހިއްކުން ހިމެނޭ ގޮތުން އިމާރާތް ކުރުމުގެ އެއްބައި ހިންގުންކަމަށް މިނިސްޓްރީން ބުންޏެވެ. އޭރުން އިންވެސްޓަރަށް ދެ ފަޅު ލިބޭނެކަމަށް ހޯމްލޭންޑުން ބުންޏެވެ. ރަށް ހިއްކުމުގެ މޮޑެލްއަކީ ހަތަރުވަނަ ގޮތެވެ. އެ މޮޑަލްގައިވާ ގޮތުން އިންވެސްޓަރަށް ރަށުގައި ތަރައްގީކުރާ ބައެއް ތަންތަން ހިންގައިގެން ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ހޯޕް އައިލެންޑުގެ ހެދުމަށް 15 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. ހޯޕް އައިލެންޑް އުތުރުތިލަފަޅުގައި ތަރައްގީކުރުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށްވެސް 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް ވަނީ ގަރާރުގައި ބަޔާންކުރައްވައިފައެވެ.
އިއުލާނުގައިވާ ގޮތުން ހޯޕް އައިލެންޑުގައި ތަރައްގީ ކުރަން ޖެހެނީ 700 މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި އެ މަޝްރޫއު އޮކްޓޯބަރު 2027 އަށް ނިންމަންޖެހޭނެއެވެ. އެ މަސައްކަތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް ކަމަށާއި ޕްރޮޕޯސަލް ހުށަހަޅަންވާނީ [email protected] މެދުވެރިކޮށްކަމަށް އިއުލާނުގައި ހޯމްލޭންޑުން ބުންޏެވެ.
ސެންޓްރަލް ޕްރިޒަން ކޮމްޕެލްކްސް
އިއުލާނުގައިވާ ގޮތުން ސެންޓްރަލް ޕްރިޒަން ތަރައްގީކުރަން ޖެހޭނީ 6،000 މީހުންނަށް ހިދުމަތްދެވޭ ގޮތަށެވެ. އަދި އެތަނުގައި ރެޒިޑެންޓް ޔުނިޓް، ސްޓާފް ކުއާޓާސް، އެޑިއުކޭޝަން ފެސިލިޓީ، ކުޅިވަރު ކުޅޭނެ ތަނެއްގެ އިތުރުން ހޮސްޕިޓަލަކާއި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަކާއި ކޯޓް ފެސިލިޓީއެެއް ގާއިމުކުރަންޖެހޭނެއެވެ. މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ ހެޑް ކުއާޓާ އިމާރަތް ވެސް ހަދަންޖެހޭނެއެވެ.
އޭގެ އިިތުރުން އެތަނުގައި ގާއިމުކުރަންޖެހޭ ކޮމްޕެލްކްސް ވަނީ އިއުލާނުގައި ހިމަނައިފައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ އެ މަޝްރޫއު އޮކްޓޯބަރު 2027 އަށް ނިންމަންޖެހޭނެ ކަމަށެވެ. އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް ކަމަށާއި ޕްރޮޕޯސަލް ހުށަހަޅަންވާނީ [email protected] މެދުވެރިކޮށްކަމަށް އިއުލާނުގައި ހޯމްލޭންޑުން ބުންޏެވެ.
އެ ޖަލުގެ މަސައްކަތްކޮށްދޭ އިންވެސްޓަރަށް ބަދަލުގައި ފަޅުތަކެއް ލިބޭނެކަމަށް ހޯމްލޭންޑް ބުންޏެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން އުތުރުތިލަފަޅުގައި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީކުރުމަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. އުތުރުތިލަފަޅުގައި އެ ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް ވެސް 15 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ގަރާރުގައި ރައީސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ