ދެވަނަ ބުރަކަށް ގޮސް ވެރިޔަކު ހޮވުމުގެ ނިޒާމުގެ ބަދަލުގައި، އެއް ބުރުން އިންތިހާބު ނިމޭގޮތަށް އެ މަނިކުފާނު ވަކާލާތުކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، ސަރުކާރުގެ އެކި މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު ހުޅުވި ވަޓްސްއެޕް ޗެނަލުގައި ލިޔުއްވި މެސެޖެއްގައެވެ.

"އަޅުގަނޑު ވަކާލާތުކުރާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު،" އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދިއުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކުރައްވައިފައެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެ ނިޒާމު ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއްވެސް ފަށައިފައެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެކުރިންވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން ޕްރިފެރެންޝަލް ނިޒާމަކަށް އަމަލުކުރަން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވަނީ ވިދާޅުވެފައެވެ.

"އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ އެ ހިޔާލުފުޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތާއީދުކުރައްވައިފައެވެ.

ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލާ ނިންމައި، ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށެވެ.