މަސްޖިދުއްނަބަވީ (ހަރަމްފުޅު)ގެ އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު، ރާއްޖެ ވަޑައިގެން ސަލްމާން މިސްކިތް އަދި އިސްލާމީ މަރުކަޒުގާ އިމާމުވެ ނަމާދުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މަސްޖިދުއްނަބަވީގެ އިމާމު ޝައިހު ޑރ. ސަލާހު ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އިން މިއަދު ބުނީ ހަރަމްފުޅުގެ އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު، އަންނަ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމުވެ މަގުރިބު ނަމާދާއި އިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުހިންމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމިކް މިނިސްޓްރީން ދެއްވި ދައުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފުތާގެ ތެރޭގައެވެ.

މި ދަތުރުފުޅުގައި ޝައިހު ސަލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޝައިހު ސަލާހުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބައްދަލުކުރެއްވުމާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވުމަށް ހަމަޖެހިފައިވަނީވެސް ޝައިހު ޑރ. ސަލާހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވައި އިސްލާމީ މަރުކަޒު ބައްލަވައިލެއްވުމުގެ އިތުރުން މި ޒިޔާރަތުގައި އިސްލާމީ މަރުކަޒުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޝައިހު ސަލާހުގެ މި ދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ހަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަށް ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އިސްލާމިކް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

އިމާމު ޝައިހު ސަލާހުގެ ބޮޑު ދަރުސް އިސްލާމީ މަރުކަޒުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެ ދަރުސްގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.